ޔުނައިޓެޑުގައި އެންމެ މޮޅު ކުޅުންތެރިޔަކީ ރަޝްފޯޑް: އެލަންގާ

މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި ދުވަސްވަރުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ފެނުނީ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ކަމަށް ސްވިޑެން ފޯވަޑް އެންތޮނީ އެލަންގާ ބުނެފިއެވެ.

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނަލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް އެލަންގާ ގަބޫލުކުރި ނަމަވެސް، އޭރު ޔުނައިޓެޑުގައި އެންމެ މޮޅު ކުޅުންތެރިޔަކީ ރަޝްފޯޑު ކަމަށް އޭނާ ބުންޏެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯގެ އިތުރުން ބްރޫނޯ ފެނާންޑޭޒް، ރަފައެލް ވަރާން އަދި ކަސަމީރޯ ފަދަ ކުޅުންތެރިންގެ ފަރާތުން ގިނަ ކަންތައްތަކެއް އަހަރެންނަށް ދަސްވި. ޔުނައިޓެޑުގެ މުޅި ސްކޮޑުގައި ހިމެނެނީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިން ކަމަށްވުމުން، އެ ކުޅުންތެރިން ހާއްސަވާނެ. އެކަމަކު އަހަރެންނަށް އެކުގައި ކުޅުމުގެ ފުރުސަތު ލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކީ ރަޝްފޯޑް،" 'ޑެއިލީ މެއިލް'އަށް ދިން އިންޓަވިއުއެއްގައި އެލަންގާ ބުންޏެވެ.

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ(ކ) އަދި ސްވިޑެން ފޯވަޑް އެންތޮނީ އެލަންގާ(ވ)، މެންޗެސްޓާ ޔުނައިޓެޑުގެ ޖާޒީގައި -- ފޮޓޯ/ ގެޓީ

އެލަންގާ ބުނީ ރަޝްފޯޑަކީ ގިނަ ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި އެގޮތުން އޭނާގެ ހަލުވިކަމާއި، އުކުޅުތަކާއި، ހަމަލާތައް އުފެއްދުމާއި ގޯލުތައް ޖެހުމުގައި ވެސް މޮޅު ކަމަށެވެ. އަދި ކެރިއަރުގައި ކުރިއަށްދިއުމަށް ރަޝްފޯޑުގެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް ވެސް އެލަންގާ ފާހަގަކުރިއެވެ.

ޔުނައިޓެޑާ 2021 ވަނަ އަހަރު ރޮނާލްޑޯ ގުޅުނު އިރު، އެލަންގާ ވެސް ދިޔައީ ޓީމުން ފުރުސަތުތަކެއް ހޯދަމުންނެވެ. ނަމަވެސް ގިނަ މައްސަލަތަކެއް ޖެހި, އަހަރެއްހާ ދުވަހަށް ފަހު ރޮނާލްޑޯ ވަނީ ޔުނައިޓެޑުން ވަކިވެ، ސައުދީ އަރަބިއާގެ އަލް ނަސްރާ ގުޅިފައެވެ. އެލަންގާ ވެސް ވަނީ މިދިޔަ ސީޒަނަށްފަހު, ޔުނައިޓެޑް ދޫކޮށް 15 މިލިއަން ޕައުންޑުގެ އަގަކަށް ނޮޓިންހަމް ފޮރެސްޓާ ގުޅިފައެވެ.

comment ކޮމެންޓް