ބިލިއަނަރު އީލޯން މަސްކުގެ ސްޓާލިންކުން ޣައްޒާއަށް އިންޓަނެޓް ފޯރުކޮށްދިނުން ހުއްޓުވާނެ ކަމަށް އިސްރާއީލުގެ މުވާސަލާތާބެހޭ ވަޒީރު ޝިއޮމޯ ކަހަޣާއީ ވިދާޅުވެއްޖެއެވެ.
ކަހަޣާއީއާ ހަވާލާދީ އަނަދޮލޫ އޭޖެންސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްކުގެ މި ނިންމުން ހުއްޓުވުމަށް އިސްރާއީލުން ހުރިހާ ވަސީލަތެއް ބޭނުންކުރާނެއެވެ. ޣައްޒާއަށް ޚިދުމަތް ދީފިނަމަ މަސްކާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުން ކަނޑާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކަހަޣާއީ މިހެން ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާގެ އިންޓަނެޓް ކަނޑާލުމާ ގުޅިގެން، ޣައްޒާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިދާރާތަކަށް ސްޓާލިންކް އިންޓަނެޓް ދޭނެ ކަމަށް މަސްކު ވިދާޅުވުމުންނެވެ.
ޣައްޒާގެ މުއާސަލާތީ ޚިދުމަތްދޭ ކުންފުނިން ބުނި ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގެ މުއާސަލާތާއި އިންޓަނެޓްގެ ޚިދުމަތް ހުކުރު ދުވަހު ދިން ހަމަލާތަކުގައި އެއްކޮށް ކަނޑާލާފައެވެ.
މިކަމަށް ރައްދު ދެއްވައި މަސްކު ވިދާޅުވީ ޣައްޒާއަށް އިންޓަނެޓް ޚިދުމަތް ދޭން ނިންމީ އިންސާނިއްޔަތަށް ޓަކައި ކަމަށާއި، ސްޓާލިންކް އިންޓަނެޓް ޓާމިނަލްތަކުން ގުޅުން ފޯރުކޮށްދޭނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ޖަމާއަތްތަކަށް އެކަނި ކަމަށެވެ.
އދ އަދި ދުނިޔެއިން ބަލައިގެންފައިވާ ޖަމާއަތްތަކުން ރުހުންދީފައި އޮތް ޖަމާއަތަކަށް ނޫން ގޮތަކަށް ސްޓާލިންކް ޣައްޒާގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް މަސްކް ވިދާޅުވިއެވެ.