''ފްރެންޑްސްް''އިން އެންމެން ހެއްވާލި މެތިއު ޕެރީ މަރުވެއްޖެ

މެތިއު ޕެރީ: އޭނާގެ ހަޔާތާ ގުޅޭ ގޮތުން އޭނާ ވަނީ ދާދި ފަހުން ފޮތެއް ނެރެފަ --

ނުވަދިހައިގެ އަަހަރުތަކުގައި ނެރުނު އެންމެ މަޝްހޫރު އެއް ސީރީސް ކަމަށްވާ ފްރެންޑްސްއިން 'ޗޭންދްލާ ބިންގް'ގެ ރޯލުން ފެނުނު މެތިއު ޕެރީ، 54 އަހަރުގައި މަރުވެއްޖެއެވެ.

އެމެރިކާގައި މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުންހުރި ޚަބަރުތައް ގެނެސްދޭ ޓީއެމްޒީން، ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ހަވީރު ޕެރީ މަރުވެފައި އޮއްވާ ފެނުނީ، ލޮސް އެންޖެލެސްގައި ހުންނަ އޭނާގެ ގެއިންނެވެ.

އެ ގޭގެ ޖަކޫޒީއެއްގެ ތެރޭގައި ޕެރީ މަރުވެފައިވާ އޮއްވާ ފެނުނު ކަމަށާއި ނަމަވެސް މަސްތުވާއެއްޗެއް އެ ތަނުން ނުފެންނަކަން އެނގިފައިވާ ކަމަށް ވެސް ޓީއެމްޒީން ރިޕޯޓުކޮށްފައިވެއެވެ.

ލޮސް އެންޖެލެސް ޓައިމްސްގައިވާ ގޮތުން ޕެރީއަށް ހަމަލާދީފައިވާ ކަމުގެ ނިޝާނެއް މިހާތަނަށް ފެނިފައިނުވެއެވެ. ނަމަވެސް އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ޕެރީ ވަނީ ޒުވާން އުމުރުގައި މަސްތުވާތަކެއްޗާއި ބަނގުރަލަށް ދެވިހިފުމުގެ ސަބަބުން އޭނާގެ ހަޔާތަށް އައި ބަދަލުތަކާއި ލިބުނު ގެއްލުމުގެ ވާހަކަތައް ހިއްސާކޮށްފައެވެ. އެކި ފަހަރު މަތިން ރިހެބްއިން ފަރުވާ ހޯދައި، މަސްތުވާތަކެތިން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ޕެރީ ވަނީ އޭނާގެ ފޮތް 'ފްރެންޑްސް، ލަވާސް، އެންޑް ދަ ބިގް ޓެރިބަލް ތިންގް'ގައި އެ ވާހަކަތައް ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.

ފްރެންޑްސް ސީރީސްގެ ތަރިން: މި ސީރީސް ނިންމާލިތާ 15 އަހަރުވި ނަމަވެސް ފްރެންޑްސްގެ މަގުބޫލުކަން ފަނޑުވެގެން ނުދޭ --

ހަ އެކުވެރިންގެ ދިރިއުޅުން ދައްކުވައިދޭ ފްރެންޑްސް ސީރީސްއަށް ލިބުނު ކާމިޔާބީއާއެކު އެ ސީރީސް 10 ސީޒަނަށް ކުރިއަށްގެންގޮސްފައިވެއެވެ. އެ ސީރީސް ނިމުނުތާ 15 އަހަރުވެފައިވީ ނަމަވެސް ފްރެންޑްސްގެ މަގުބޫލުކަން ފަނޑެއްނުވެއެވެ.

ނަމަވެސް ފްރެންޑްސްއަށް ފަހު ޕެރީ ފިލްމީ ދާއިރާގައި މާ ބޮޑު މަސައްކަތްތަކެއް ކޮށްފައިނުވެއެވެ.

ދެހާސްވިހި ވަނަ އަހަރު ޕެރީ، ޓެލެންޓް މެނޭޖަރެއް ކަމަށްވާ މޮލީ ހާވިޓްޒްއާ އެންގޭޖުވި ނަމަވެސް ޖެހިގެން އައި އަހަރު އެ ދެ މީހުން ވަނީ ވަކިވެފައެވެ. އަދި ޖޫލިއާ ރޮބަޓްސް ފަދަ ތަރިންނާ ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އޭނާ ކައިވެންޏެއް ކޮށްފައެއްނުވެއެވެ.

comment ކޮމެންޓް