އަންނަ އަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި

ރާއްޖޭގައި ބޭއްވި 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ/ ބީބީއޭއެމް

އަންނަ އަހަރުގެ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގައި އެ މުބާރާތް ބާއްވަން ނިންމާފައިވާކަން ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިޔުބީޕީއެފް) އިން އިއުލާންކޮށްފައިވަނީ އެ ފެޑެރޭޝަންގެ އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް އަދި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ އޮފީސް، ގ. ދިމްޔާތުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ބީބީއޭއެމްގެ ރައީސް ހަމީދުގެ އިތުރުން އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގައި އެ މުބާރާތް ބޭއްވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި ކަމަށް ޑަބްލިޔުބީޕީއެފުން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ވެގެންދާނީ ރާއްޖޭގައި ބާއްވާ ބޮޑީބިލްޑިންގެ އެންމެ ބޮޑު މުބާރާތަށެވެ. ރާއްޖޭގައި މީގެ ކުރިން އޭޝިއަން ބޮޑީބިލްޑިން މުބާރާތް އަދި ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ވެސް ބޭއްވިއެވެ.

ބޮޑީބިލްޑިންއަކީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުބާރާތްތަކުގައި އެންމެ ގިނަ މެޑަލް ހޯދައިދޭ އެއް ކުޅިވަރެވެ. އެގޮތުން އޭޝިއަން ބޮޑީބިލްޑިން މުބާރާތް އަދި ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތުގައި ދިވެހި އެތުލީޓުން ހޯދާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް