ރެމިޓަންސް ޚިދުމަތްދޭ ވިޔަފާރިތައް މެދުވެރިކޮށް މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު، 49 މިލިއަން ޑޮލަރަށް އަރާއިރު ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވި ގައުމަކީ އިންޑިއާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުތެރޭ ދިވެހިން އެންމެ ގިނައިން އިންޑިއާއަށް ފައިސާ ފޮނުވާފައިވާއިރު ދެވަނައަށް އެންމެ ގިނައިން ފޮނުވާފައިވަނީ ފިލިޕީންސްއަށެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފައިސާ ފޮނުވާފައި ވަނީ ތައިލެންޑަށެވެ.
މިދިޔަ އަހަރުތެރޭ ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން ރެމިޓެންސްގެ ޚިދުމަތް އެންމެ ގިނައިން ހޯދާފައި ވަނީ ބަންގްލަދޭޝް، ނޭޕާލް އަދި ފިލިޕީންސްއަށް ނިސްބަތްވާ މީހުންނެވެ.
މިދިޔަ އަހަރުތެރޭ ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން 49 މިލިއަން ޑޮލަރު އެކި ގައުމުތަކަށް ފޮނުވާފައިވާއިރު މިއީ މުޅި ޖުމްލަ ރެމިޓެންސްގެ 94 ޕަސެންޓެވެ. އަދި އިންވާޑް ރެމިޓެންސް ނުވަތަ ބޭރު ގައުމުތަކުގައި ދިރިއުޅޭ މީހުން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ފޮނުވާފައިވަނީ ތިން މިލިއަން ޑޮލަރެވެ.
އައުޓްވާޑް ރެމިޓެންސް ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ ތެރެއިން 36.3 މިލިއަން ޑޮލަރަކީ ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މީހުން ފޮނުވާފައިވާ ފައިސާއެވެ. އަދި ބާކީ 12.7 މިލިއަން ޑޮލަރަކީ ދިވެހިން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާއެވެ.
އެހެންކަމުން ރެމިޓެންސްގެ ޚިދުމަތް ހޯދާ ފަރާތްތަކުގެތެރެއިން 74 އިންސައްތައަކީ ބޭރުގެ ފަރާތްތަކެވެ. އަދި ދިވެހިން މި ޚިދުމަތް ހޯދާ މިންވަރީ 26 އިންސައްތައެވެ.
ބޭންކުތަކުގެ އިތުރުން ރާއްޖޭގައި ރެމިޓެންސްގެ ޚިދުމަތް ދެނީ ދެ ކުންފުންޏަކުންކަން މަރުކަޒީ ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ ރިޕޯޓު ބުނާ ގޮތުން ނަމަ މީގެ ހަތަރު އަހަރު ކުރިން ރެމިޓެންސް ޚިދުމަތްތަކަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އައި އިރު އަނެއްކާވެސް އެ ޚިދުމަތަށް އޮތް ޑިމާންޑް ވަނީ އުފުލެން ފަށައިފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް މި ޚިދުމަތަށް އޮތް ޑިމާންޑުވަނީ 35 އިންސައްތަ ދަށްވެފައެވެ. އެއީ 80 މިލިއަން ޑޮލަރުން 52 މިލިއަން ޑޮލަރަށެވެ.
ރެމިޓެންސް ޚިދުމަތް ހޯދާ ފަރާތްތަކުން އެ ޚިދުމަތް ހޯދާ މިންވަރު ދަށްވުމާއެކު 2019 ވަނަ އަހަރު ރެމިޓެންސް ޓެކްސް އުވާލަން ވެސް ސަރުކާރުން ނިންމިއެވެ.