މޯލްޑިވްސް ރެޑް ކްރެސެންޓްއިން އިސްނަގައިގެން އިއްޔެ ބޭއްވި ކުނިނެގުމުގެ ހަރަކާތުގެ ތެރެއިން ގާތްގަނޑަކަށް 1.4 ޓަނުގެ ކުނި ނަގައިފިއެވެ.
އެ ހަރަކާތް ކުރިއަށްގެންދިޔައީ، އިއްޔެ ހެނދުނު 6:00 އިން 9:00 ޖެހުމާ ހަމައަށް މަސްވެރިންގެ ޕާކުގައެވެ.
އެ ހަރަކާތުގެ ޕާޓްނަރުންނަކީ ޑައިވް ޑެސްކް، މެރިން ޕޮލިސް، ވެމްކޯ އަދި ސިޓީ ކައުންސިލެވެ.

ޑައިވް ޑެސްކްއިން އިއްޔެ ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ/ ރެޑް ކްރެސެންޓް
ފަންސާހަށް ވުރެ ގިނަ ވޮލިންޓިއަރުން މި ހަރަކާތުގައި ބައިވެރިވިއިރު އޭގެ ތެރޭގައި، ޑައިވަރުންނާއި ސިޓީ ކައުންސިލާއި ވެމްކޯގެ މުވައްޒަފުން ހިމެނޭ ކަމަށް ރެޑް ކްރެސެންޓްއިން މައުލޫމާތު ދިނެވެ.
އިއްޔެ ނެގި ކުނި ހަވާލުކޮށްފައި ވަނީ ވެމްކޯއާއެވެ.
ރެޑް ކްރެސެންޓުން ބުނީ އަންނަ އަހަރުން ފެށިގެން މި ހަރަކާތް އަހަރަކު ހަތަރު ފަހަރަށް މާލޭ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ސާފުކުރުމަކީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށާއި، ކަނޑުތަކާއި ފަރުތަށް ސާފުކޮށް ބެހެއްޓުމަށްޓަކައި މުހިންމު ކަމެއް ކަމަށް އެ ޖަމާއަތުން ބުންޏެވެ.