ފަލަސްތީނަށް އެހީވުމަށް ބައިސްކޯފުގެ ''ފަންޑްރެއިޒިން ފިލްމް ފެސްޓިވަލް'' ޝްވެކް ސިނަމާގައި

އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުގައި ހާލުގައި ޖެހިފަ ތިބި މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖޭގެ ރައްޔިތުން ވެސް ފަލަސްތީނާ އެކު ތިބިކަން ހާމަކޮށް އަންނަނީ ފައިސާ އެއްކުރުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ބައެއް އަމިއްލަ ޖަމްއިއްޔާތަކާއި ވިޔަފާރިތަކާއި އާންމުން ވެސް އަންނަނީ ހިނގާލުންތައް ބާއްވާ ފަންޑްރެއިޒިންގެ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.

ބައިސްކޯފުން އިސްނަގައިގެން، ބައިސްކޯފުގެ އެންމެ "ހިޓް" ފިލްމުތަކާއި އެކި ކޮންޓެންޓު އައިސްޓީވީ އިންނާއި ޝްވެކް ސިނަމާ އާއި އޮލިމްޕަސް ސިނަމާގައި ދައްކަން ވަނީ ތާވަލުކޮށްފައެވެ.

އެގޮތުން މާދަމާ ރޭ މާލެ އަދި ހުޅުމާލޭގެ ޝްވެކް ސިނަމާގައި 20:30ގައާއި 23:30ގައި ފިލްމްތައް އެޅުވުމަށް ވަނީ ތާވަލުކޮށްފައެވެ.

ހުޅުމާލޭ ޝްވެކް ސިނަމާގައި:

  • ރޭގަނޑު 20:30 - ފިލްމް ވިޝްކާ
  • ރޭގަނޑު 23:30 - ފިލްމް ނިވައިރޯޅި

މާލޭ ޝްވެކް ސިނަމާގައި:

  • ރޭގަނޑު 20:30 - ފިލްމް މާމުއި
  • ރޭގަނޑު 23:30 - ފިލްމް ބޮސް

މި ފިލްމްތަކަށް ޓިކެޓް ބުކް ކުރުމަށް 9758808 އަށް ގުޅައިގެން ވަގުތުން ބުކް ކުރެވޭނެއެވެ. ޓިކެޓެއްގެ އަގަކީ 100ރ. އެވެ.

ބައިސްކޯފުން ބުނި ގޮތުގައި ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް މޯލްޑިވްސް ރެޑް ކްރެސެންޓަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެސް ބައިސްކޯފުން ވަނީ އަންނަ މަހުގެ ދެވަނަ ދުވަހަށް ފަންޑްރެއިޒިން އިވެންޓެއް ބާއްވަން ނިންމާފައެވެ. ބައިސްކޯފުން އިސްނަގައިގެން ދިވެހި ފަންނާނުންނާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު އޮލިމްޕަހުގައި ބާއްވާ "ފަލަސްތީނާއެކު ފަންނާނުން" އޮންނާނީ ރޭގަނޑު 20:30 އިން 12 ޖަހަންދެންނެވެ.

އިވެންޓަށް ވަނުމުގެ ފީއެއްގެ ގޮތުގައި 150 ރުފިޔާ ނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބައިސްކޯފުން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި މި އިވެންޓުގެ އެންމެ ބޮޑު ބޭނުމަކީ ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމެވެ. މި އިވެންޓަށް ބޮޑު ތަރުހީބެއް މިހާރު ވެސް އަންނަނީ ލިބެމުންނެވެ. އެ އިވެންޓުގައި ބައިވެރިވުމަށް މިހާތަނަށް އައިއިރު 47 އާޓިސްޓުން އިސްނަގާފައިވާ ކަމަށް ބައިސްކޯފުން ބުންޏެވެ.

"މިރޭގެ ވަގުތެއްގަ އަޅުގަނޑުމެން ސޯޝަލް މީޑިއާ މެދުވެރިކޮށް މި އިވެންޓަށް ޓިކެޓު ވިއްކުމަށް އިއުލާނުކުރާނަން،" ބައިސްކޯފުގެ އާޓް ޑައިރެކްޓާ ނޫރާ ރަޝީދު ވިދާޅުވިއެވެ.

"މި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ދާނީ މޯލްޑިވިއަން ރެޑް ކްރެސެންޓް މެދުވެރިކޮށް ދާނީ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް. ފެން ފާހަގަކޮށްލާނަން ކޮންމެހެން މި އިވެންޓަށް ނައި ނަމަވެސް ގޭގަ ތިބެގެން ވެސް ފައިސާ ހަދިޔާ ކުރެވޭނެ،"

ބައިސްކޯފުގެ މި އިވެންޓަށް މިހާރު ވެސް ބައެއް އަމިއްލަ ވިޔާފާރިތަކާއި ކުންފުނިތަކުން އެހީތެރިކަން ފޮރުކޮށްދޭނެ ކަމަށް ބުނަމުންދާ ކަމަށާއި އެކަމާ މެދު ވަރަށް އުފާކުރާ ކަމަށް ނޫރާ ވިދާޅުވިއެވެ.

comment ކޮމެންޓް