ރޯވި ޔޮޓްގެ ބޮޑުބައެއް އަނދައި، އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވެއްޖެ

ޔޮޓުގައި ރޯވެ އަނދައިފައި-- ފޮޓޯ: އެމްއެންޑީއެފް

ރިޒްކާލްޓަން ރިސޯޓު ކައިރީގައި އޮތް ޔޮޓުގައި އަލިފާން ރޯވި ހާދިސާގައި އެ ޔޮޓުގެ ބޮޑު ބައެއް އަނދައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އަލިފާން ރޯވީ "މެޖެސްޓީ 62" ނަމަކަށް ކިޔާ ޔޮޓެއްގައެވެ. އެ ޔޮޓްގައި ރޯވި ވަގުތު ޓޫރިސްޓުންގެ އިތުރުން ހަތަރު ފަޅުވެރިން އޭގައި ތިއްބެވެ. އޭގެން މީހަކަށް އަނިޔާއެއްނުވެ ވަނީ ސަލާމަތް ކޮށްފައެވެ.

"މެޖެސްޓީ 62" ގައި ރޯވެ އަނދަނީ-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ޔޮޓުގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން ސަލާމަތް ކުރީ ރިޒްކާލްޓަން ފަރި ރިސޯޓްގެ ލޯންޗަކުން ކަމަށެވެ.

މިއަދު ހެނދުނު 7:37 ގައި އެ ޔޮޓުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ 9:48 ހާއިރުއެވެ. އެއްކޮށް އަލިފާން ގަނޑު ނިވާލެވިފައި ވަނީ މިއަދުގެ 10:14 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޔޮޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

މި ލަގްޒަރީ ޔޮޓަށް ލިބިފައި މިވަނީ ފައިސާގެ ގޮތުން ކިހާ އަދަދެއްގެ ގެއްލުމެއް ކަމެއް އަދި އެ ޔޮޓް އޮތީ އިންޝްއަރެންސް ކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޔޮޓުގެ ވަރަށް ބޮޑުބައި އަނދައި އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވަނީ ވެފައެވެ.

comment ކޮމެންޓް