ކަސްޓަމްސް ފީގެ ނަމުގައި ސްކޭމް މެސެޖް ތަކެއް އަނެއްކާ ވެސް ފޮނުވަނީ

ކަސްޓަމްސް ފީ ދެއްކުމަށް ކަމަށް ބުނެ ސްކޭމް ލިންކްތަކާއެކު އެކި ނަންބަރުތަކުން އަނެއްކާ ވެސް މެސެޖުތައް ފޮނުވަމުން އެބަ ގެންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، އެ މެސެޖްތައް ފޮނުވަމުން ދަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަމަށެވެ. މި ދުވަސްކޮޅު އެފަދަ މެސެޖްތައް ފޮނުވުން ގިނަވެފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ގޮތަށް ފޮނުވާ މެސެޖު ތަކުގައި ލިންކު އެޓޭޗް ކޮށްފައި ހުންނަ ކަމަށް ފުލުހުން ބުންޏެވެ. މިފަދަ ލިންކު ތަކަށް ނުވަނުމަށާއި މިފަދަ މެސެޖްތަކަށް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ގޮތަށް މަކަރާ ހީލަތުން ފައިސާ ހޯދާ ފަރާތްތަށް އެކި ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން އަބަދު ވެސް ދަނީ ފައިސާ ހޯދަމުންނެވެ. އެ ގޮތުން ފޭސްބުކު، އިންސްޓަގްރާމް އަދިވެސް އެ ނޫން ސޯޝަލް މީޑިއާ ޕްލެޓް ފޯމުތައް ބޭނުންކޮށްގެން ވެސް އެފަދަ ކުއްތައް ކުރަމުންދާ މީހުން ގިނައެވެ. އަދި ހަމަ އެހެންމެ ފޯނު ކޯލުތަކާއި، ޓެކްސްޓް މެސެޖުން ވެސް މިފަދަ ސްކޭމުތައް ހިންގައެވެ.

މި ފަދަ ކަންކަމަށް ސަމާލުވުމަށާއި ހޭލުންތެރިވުމަށް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް