ސަޕޯޓަރަކު ފައިސާ އުކަން ފެށުމުން އާތިފްގެ ކޮންސެޓު މެދުކަނޑާލައިފި

ޕާކިސްތާނު މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ދާދި ފަހުން އެމެރިކާގައި ބޭއްވި ކޮންސެޓެއްގައި ސަޕޯޓަރަކު ލަވަކިޔުންތެރިޔާއާ ދިމާލަށް ފައިސާގެ ނޫޓުތައް އުކަން ފެށުމުން ކޮންސެޓު މެދުކަނޑާލައިފިއެވެ.

އާތިފް އަސްލަމްއާ ދިމާލަށް ފައިސާ އުކި ފަރާތާ ވަރަށް މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު ވާހަކަ ދައްކާ މަންޒަރު ހިމެނޭ މި ކޮންސެޓުގެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި އިންޓަނެޓުގައި ވީޑިއޯ ދައުރު ވާންވެސް މާގިނަ ވަގުތެއް ނުނެގިއެވެ.

އާތިފްގެ މަޝްހޫރު ލަވަ "ދޭކްތޭ ދޭކްތޭ" ކިޔަމުން ދަނިކޮށް ހިނގި މި ޙާދިސާ ފެންނަ ވީޑިއޯގައި އާތިފްއަށް ތަރުހީބު ކުރާ ފަރާތަކުން ސްޓޭޖް ކައިރިއަށް މަޑުކޮށްލުމަށް ފަހު އާތިފްއާ ދިމާލަށް ފައިސާގެ ނޫޓުތައް އުކަމުން ދެއެވެ. ފައިސާގެ ނޫޓުތައް އުކަން ފެށުމުން ލަވަކިޔުންތެރިޔާގެ މިއުޒީޝަނުންނަށް އިޝާރާތް ކުރުމަށްފަހު ކޮންސެޓު މަޑުޖައްސާލަން އާތިފް އެންގިއެވެ.

އާތިފްއަށް ސަޕޯޓުކުރާ އެ ފަރާތާ މުޚާތަބްކޮށް ވާހަކަ ދައްކަމުން އާތިފު ބުނީ، އެއީ ފައިސާގެ މުއްސަނދިކަން ހުރި ފަރާތެއްކަން އެނގޭ ކަމަށާއި ނަމަވެސް އެ ބީދައިން އާތިފްއާ ދިމާލަށް ފައިސާ އުކުމުގެ ޢަމަލު ސިފަ ކުރަނީ ފައިސާގެ ޙުރުމަތް ކަނޑާލުމުގެ ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި ކަމަށެވެ.

އާތިފްއާ ދިމާލަށް ފައިސާ އުކުމުގެ ބަދަލުގައި އެ ފައިސާ ޙާލުގައި ޖެހިފައިވާ ބަޔަކަށް ހަދިޔާކުރުމަށް އާތިފް ވަނީ އޭނާގެ ސަޕޯޓަރުގެ ގާތު އެދިފައެވެ. އާތިފްގެ މި ޢަމަލާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ލަވަކިޔުންތެރިޔާއަށް ތަޢުރީފު ކޮށްފައެވެ.

ޕާކިސްތާނުގައި ވެސް ބޭއްވޭ ސަޤާފީ އެއްވުން ތަކުގައި މިފަދަ ގޮތަކަށް ފައިސާ އުކުމުގެ ސަޤާފަތް ގެންގުޅޭއިރު މިއީ އެފަދަ ވަރަށް ގިނަ ބަޔަކަށް އާތިފް ދިން ވަރަށް ރަގަޅު މެސެޖެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނަށް އުފަން ކާމިޔާބު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އަކީ ދުނިޔޭގެ އެތައް ބައެއްގެ ހިތުން ހާއްސަ މަޤާމެއް ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އިންޑިއާގެ ބޮލީވުޑް ފިލްމު ތަކަށްވެސް ލަވަކިޔާދީފައިވާ މިއުޒިކު ކުޅުންތެރިޔާ ދާދިފަހުން ވަނީ ޕާކިސްތާނުގައި ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް