މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓު ކުރިއަށް ގެންދާ ޓުއާ އާއެކު އޭނާގެ މިލްކިއްޔާތު ބޮޑުވެ ބިލިއަނަރަކަށް ވެއްޖެއެވެ.
ފޯބްސްގެ މިލިއަނަރުންގެ ލިސްޓުގައި ޓޭލާ ހިމެނޭއިރު އޭނާގެ މިލްކިއްޔާތު 570 މިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސް އިން ލަފާ ކޮށްފައިވަނީ މިދިޔަ އަހަރު ޓޭލާ އޭނާގެ "އެރާސް" ޓުއާ ފެށުމުގެ ކުރީންނެވެ. ނަމަވެސް ޓުއާއަށް ލިބިފައިވާ ބޮޑު ކާމިޔާބާއެކު ޓޭލާއަށް ވަނީ ޓުއާއިން އެކަނި ބޮޑު އާމްދަނީއެއް ލިބިފައެވެ.
ޓުއާގެ އިތުރުން އޭނާގެ ޓުއާގެ ފިލްމު ދުނިޔޭގެ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދަމުންދާއިރު އޯޕަނިންއަށް އެކަނި އެމެރިކާއިން ވެސް ވަނީ 90 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އެއާއެކު ޓޭލާ އަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޓޭލާގެ މިލްކިއްޔާތު މިހާރު 1.1 ބިލިއަން ޑޮލަރަށް އަރައެވެ.
އޭނާގެ ޓުއާގައި އަންނަ އަހަރު އޭޝިއާގެ ބައެއް ސަރަހައްދުގައި ޕަފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު އޭނާއަށް ލިބެން އޮތް އާމްދަނީ އަނެއްކާ ވެސް އިތުރުވާނެއެވެ. މިއީ އޭޝިއާގައި އޭނާ ފުރަތަމަ ވޯލްޑް ޓުއާއެވެ. އެއާއެކު ހުރިހާ ޝޯތަކެއް އޮތީ މިހާރުވެސް ފުރިފައެވެ.
ޓޭލާގެ ޓުއާއިން އޭނާގެ އިތުރުން އެމެރިކާގެ އިގުތިސޯދަށް ވެސް ވަނީ ބޮޑު ފައިދާއެއް ކޮށްފައެވެ.
ފޯޗޫންއިން ތައްޔާރު ކުރި ރިޕޯޓަކާ ހަވާލާ ދީ ފޯބްސްއިން ބުނެފައިވަނީ ޓޭލާގެ ޓުއާއާ ގުޅިގެން އެމެރިކާގެ އެތެރޭގެ އިގުތިސޯދަށް ވެސް ބޮޑެތި ފައިދާތައް ކުރަމުންދާ ތަން ފެންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ޓުއާ ކުރިއަށްދާ ސިޓީ ތަކާއި ސަރަހައްދުތަކުގެ އިގުތިސޯދަށް ކުރިއެރުމެއް އަންނަ ތަން ފެނުމެވެ.
އެގޮތުން ޓުއާގެ ސަބަބުން އެމެރިކާގެ އިގުތިސޯދަށް 4.6 ބިލިއަން ޑޮލަރުގެ ބޫސްޓެއް ލިބިފައިވާ ކަމަށް ރިޕޯޓުން ބުނެއެވެ.