އަނިލް ކަޕޫރަށް އިތުރު ބައިނަލްއަޤްވާމީ ފިލްމަކުން ފުރުސަތު ލިބިއްޖެ

ޑައިރެކްޓަރު ރިތޭޝް ބަޓްރާ އަދި އެކްޓަރު އަނިލް ކަޕޫރު

މީގެ ކުރިންވެސް މަޝްހޫރު ހޮލީވުޑްގެ ފިލްމު ތަކުގައި މަސައްކަތް ކޮށްފައިވާ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަނިލް ކަޕޫރަށް އިތުރު އިންޓަނޭޝަނަލް ޕްރޮޖެކްޓަކުން ފުރުސަތު ލިބިއްޖެއެވެ.

މި ފިލްމަކީ، އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި ފަރަންސޭސި އަންހެނެއްގެ ދެމެދުގައި އުފެދޭ ލޯބި ދައްކުވައިދޭ ވަރަށް ހިތްގައިމު ލޯބީގެ ފިލްމެކެވެ.

މި ފިލްމަކީ، ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ދަ ލަންޗް ބޮކްސް"ގެ ޑައިރެކްޓަރު ރިތޭޝް ބަޓްރާގެ އުފެއްދުމެކެވެ. ރިތޭޝް ބަޓްރާ އާއި ބޭރުގެ ފިލްމު އުފައްދާ ފަރާތަކާ ގުޅިގެން މި ފިލްމު އުފައްދަން ނިންމާފައި ވާއިރު މިއީ ރިތޭޝްގެ ފިލްމެއް ރިލީޒް ނުވާތާ ހަތަރު އަހަރަށް ފަހު މަސައްކަތް ފަށާ ފުރަތަމަ ފިލްމެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައި ވަނީ، އަނިލްއަށް ރިތޭޝްގެ ސްކްރިޕްޓް ވަރަށް ކަމުގޮސްފައިވާ ކަމަށާއި އަނިލް ވަނީ ފިލްމަށް ސޮއިކުރާނެ ކަމުގެ އިޝާރާތެއް ދީފައި ކަމަށެވެ. ޑައިރެކްޓަރު ރިތޭޝްގެ އިންޑޯ- ފްރާންސްގެ ގްރޭންޑް ޕްރޮޑަކްޝަނަކަށް މި ފިލްމު ވާނެކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށަން ނިންމާފައިވާ ކަމަށްވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

އަނިލް ކަޕޫރާއި ހޮލީވުޑްގެ އެކްޓަރު ޓޮމް ކްރޫޒް ފިލްމު "މިޝަން އިމްޕޮސިބަލް-ގޯސްޓް ޕްރޮޓޮކޯލް"ގެ ޕްރޮމޯޝަންގެ ތެރެއިން

މިއީ އެކަޑަމީ އެވޯޑް ޙާސިލު ކޮށްފައިވާ ފިލްމު "ސްލަމްޑޯގް މިލިއަނަރ" އާއި "މިޝަން އިމްޕޮސިބަލް-ގޯސްޓް ޕްރޮޓޮކޯލް" އަށްފަހު އަނިލް ކަޕޫރު ކުޅޭނެ ތިން ވަނަ އިންޓަނޭޝަނަލް ޕްރޮޖެކްޓެވެ.

އަނިލް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ހަތެއްގައި ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވާ ފިލްމު "އެނިމަލް" އިންނެވެ. އަނިލް އާއެކު މި ފިލްމުގެ މުހިއްމު ރޯލްއިން އެކްޓަރު ރަންބީރު ކަޕޫރު، ބޮބީ ޑިއޯލް އަދި ސައުތު ބަތަލާ ރަޝްމިކާ މަންދާނާގެ އިތުރުން ތްރިޕްތީ ދިމްރީ ފެންނާނެއެވެ.

comment ކޮމެންޓް