ޣައްޒާގެ އާންމުން މިހާރު ތިބީ ބަނޑުހައި ހޫނުކަންމަތީ: ރެފިއުޖީ އޭޖެންސީ

ރެފިއުޖީ އޭޖެންސީގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒަރިނީ ފޮޓޯ/އަހްރަމް އޮންލައިން

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ނިކަމެތިވެ، ހާލުގައި ޖެހިފައިވާ ޣައްޒާގެ އާންމުންނަށް ބޭނުންވާ ރަނގަޅު އެހީ މެދުނުކެނޑި ބޭނުންވާ ކަމަށް އދ ގެ ފަލަސްތީން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔުއޭ) ގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒަރިނީ ވިދާޅުވެއްޖެއެވެ.

އެ އޭޖެންސީން ދެމުންގެންދިޔަ އެހެން ހިދުމަތްތައްވެސް މިހާރު ދެވެން ނެތް ކަމަށާއި ހަނގުރާމައިގައި ޣައްޒާގެ ތާށިވެފައި ތިބި މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ފިލްޕްއާ ހަވާލާދީ އަލް އަހްރަމް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ޣައްޒާއަށް ބީރު ކަންފަތެއް ދީފައެވެ. ގުދުސްގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިލިޕް ވިދާޅުވި ގޮތުގައި އެ އޭޖެންސީގައި ހުރި ތެޔޮ ވެސް މިހާރު އަންނަނީ ހުސްވަމުންނެވެ. ހޮސްޕިޓަލްތަކާ ބޭކަރީތައް ހިންގުމަށްވެސް ކޮންމެ ދުވަހަކު 160000 ލީޓަރު ތެޔޮ ޣައްޒާއަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޖެންސީގެ މުވައްޒަފުން ބުނާ ގޮތުން އެ މީހުންގެ ޣައްޒާ އޮޕަރޭޝަންތައް މިހާރު ހުރީ ހުއްޓޭ ހިސާބުގައެވެ. އަދި ޣައްޒާގެ އާންމު ރައްޔިތުން މިހާރު ތިބީ ބަނޑު ހޫނު ކަންމަތީގައި ކަމަށް އެ އޭޖެންސީން ބުނެއެވެ. މިއީ ބަނޑުހައި ހޫނުކަމުގެ މައްސަލަ އެ އޭޖެންސީން ރިޕޯޓުކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ޣައްޒާގައި ހުންނަ އދ ގެ ސްކޫލް ރެފިއުޖީ ކޭޕްމުގައި އަންހެނަކު ކައްކަނީ ފޮޓޯ/އަލްޖަޒީރާ

މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި އެ އޭޖެންސީގެ 57 މެމްބަރުން މަރުވެފައިވާ ކަމަށްވެސް ފިލިޕް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ޣައްޒާގެ އާންމު ރައްޔިތުން ރައްކާތެރިކޮށް ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ހަމަލާދިނުން އިސްރާއީލުން ހުއްޓާލަން ޖެހޭ ކަމަށް އދ ގެ ހާއްސަ އިންވެސްޓިގޭޓަރަކު ހޯމަ ދުވަހު ވިދާޅުވިއެވެ.

އިސްރާއިލުން ހަމަލާތައް ދޭން ފެށިފަހުން އދ ގެ އޭޖެންސީގެ ހިޔާވަހިކަން އެތައް ސަތޭކަ މީހުން ވަނީ ހޯދާފައެވެ. ފަލަސްތީނުގެ ސިއްހީ ވުޒާރާއާ ހަވާލާދީ އަލްއަހްރަމް ނޫހުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 7000 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 19000 މީހުން ވަނީ ޒަހަމްވެފައެވެ.

އާންމުންނަށް ބޭނުންވާ ފެނާއި ކަރަންޓު އަދި ކާބޯތަކެތި ފޯރުކޮށްދިނުންވެސް އިސްރާއީލުން އޮތީ މަނާކޮށްފައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އިސްރާއީލުން ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް