ސަލްމާންގެ ހިތުގައި ކުރީގެ ލޯބިވެރިޔާ އައިޝްވަރިޔާ ރާއީއަށް ދެވިފައިވާ މަޤާމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށާއި އައިޝްވަރިޔާގެ ނަން އިވުމުން ސަލްމާންގެ މޫނު މަތިން ތަފާތު އުފާވެރި ކަމެއް މިހާރުވެސް ފެންނަ ކަމަށް މީޑިއާ ރިޕޯޓަރުން ބުނެފިއެވެ.
ސަލްމާނަށް ސަޕޯޓުކުރާ ގިނަ ބަޔަކާއި މީޑިއާ ރިޕޯޓަރުން އެއްވެ ތިބި ތަނެއްގައި އައިޝްވަރިޔާ ނަމަކަށް ކިޔާ ނޫސްވެރިއަކު އެކްޓަރަށް ގޮވާލުމުން ވަރަށް ލާނެތް ގޮތަކަށް އައިޝްވަރިޔާ ކޮބާހޭ އަހާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
އިންޓަނެޓުގައި ދައުރުވަމުން އަންނަ އިންސްޓަގްރާމް ރީލްއަށް ކޮމެންޓު ކުރަމުން ގިނަ ބަޔަކު ބުނެފައި ވަނީ، އައިޝްވަރިޔާގެ ނަން އެކަނި އިވުމުން ވެސް ސަލްމާންގެ މޫނު މައްޗަށް އަންނަ ކުލަވަރާ އެކު އެކްޓަރުގެ ހިތުގައި އައިޝްވަރިޔާއަށް ދެވިފައިވާ ލޯބި އަންގައިދޭ ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ ޙަޔާތުގައި އެހާ މުހިއްމު ކަމެއް ދެވުނު އަންހެނެއްގެ ނަން އިވުމުން ސަލްމާންގެ މޫނު މައްޗަށް ބަޔާންކޮށް ނުދެވޭ ކަހަލަ ހިނިތުންވުމަކާއި ލަދުވެތި ކަމެއް ގެނުވާ ކަމަށެވެ.
އައިޝްވަރިޔާގެ ނަން ހިމެނޭގޮތަށް މީގެ ކުރިން ވެސް ސަލްމާނާއެކު ތަފާތު އެކި ބަހުސްތައް ވަނީ ކުރެވިފައެވެ. މީގެ އަހަރުތަކެއް ކުރިން ބޭއްވި ފިލްމްފެއާ އެވޯޑް ޙަފުލާއެއްގައި ކަރަން ޖޯހަރު ވަނީ އައިޝްވަރިޔާއާ ބެހޭގޮތުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ސަލްމާންއާ ސުވާލުކޮށްފައެވެ.
އައިޝްވަރިޔާ އާއި ސަލްމާންގެ ލޯބީގެ ގުޅުން ނިމުނީ ގިނަބަޔަކު އުއްމީދުކުރި ގޮތަކަށް ނޫނެވެ. ސަލްމާންއާ އޮތް ލޯބީގެ ގުޅުން އައިޝްވަރިޔާ ނިމުމަކަށް ގެނައީ ސަލްމާންގެ ހަރުކަށި ޢަމަލުތަކާ ހެދި ކަމަށް ވަރަށް ގިނަ ނޫސްތަކުގައި ވަނީ ލިޔެފައެވެ.
ދެ މީހުންގެ ގުޅުމާ ގުޅުވައިގެން މިހާތަނަށް ކުރެވުނު އެއްވެސް ސުވާލަކަށް ދެ ތަރިންގެ ފަރާތުން ވެސް ޖަވާބުދޭން ވަނީ އިންކާރު ކޮށްފައެވެ. އެ ދެ މީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ނިންމާލިތާ މާގިނަ ދުވަސްތަކެއް ނުވެ އައިޝްވަރިޔާ ވަނީ މިހާރުގެ ފިރިމީހާ އެކްޓަރު އަބިޝެކް ބައްޗަންއާ ލޯބީގެ ގޮތުން ގުޅިފައެވެ.
ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް"އިން ގިނަ ބައެއްގެ މެދުގައި ދެ ތަރިންގެ ޖޯޑު މަގުބޫލުވި ނަމަވެސް އައިޝްވަރިޔާ ބުނެފައި ވަނީ ދުވަހަކު ވެސް ސަލްމާން ޚާން އާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ.