ބޮލީވުޑްގެ މަޤުބޫލު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގްއާއި ދިޕިކާ ޕަދުކޯންގެ ކައިވެނީގެ ފުރަތަމަ ހަރުފަތް ފެށުނީ ދިވެހިރާއްޖޭގެ ހިތްގައިމު ފިނޮޅެއްގައި ކަމަށް ރަންވީރު ސިންގް ބުނެފިއެވެ.
ޑިޒްނީ ހޮޓް ސްޓާގައި ސްޓްރީމް ކުރަން ފަށާފައިވާ ކަރަން ޖޯހަރުގެ ޓޯކް ޝޯވް "ކޮފީ ވިތު ކަރަން"ގެ އަށްވަނަ ސީޒަންގައި ދެ މީހުންގެ ލޯބީގެ ގުޅުން ކައިވެންޏާ ހަމައަށް ދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ވަނީ ކިޔައިދީފައެވެ.
ދިޕިކާ އާއި ރަންވީރު ފުރަތަމަ ބައްދަލުވީ 2013 ވަނަ އަހަރު އުފެއްދި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގޯލިޔޯން ކީ ރަސްލީލާ ރާމް-ލީލާ" އިންނެވެ. ބަތަލާ ކަރީނާ ކަޕޫރު ލީޑް ރޯލް ކުޅެން ހަމަޖެހުނު އެ ފިލްމުން ކަރީނާ ވަކިވުމާ ގުޅިގެން ފިލްމުގެ ލީޑް ރޯލް ދެން ހުށަހެޅީ ބަތަލާ ދިޕިކާ ޕަދުކޯން އަށެވެ.
މި ފިލްމުން ދިޕިކާ އާއި ރަންވީރު ބައްދަލުވުމަށް ފަހު ލޯބީގެ ގުޅުން ފެށުނު ނަމަވެސް ދެ މީހުން ވެސް މި ގުޅުން ކުރިޔަށް ގެންދިޔައީ ވަރަށް ސިއްރިއްޔާތުގައި ކަމަށާއި އެކަން ހަމައެކަނި އެނގޭނީ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް ކަމަށް ރަންވީރު ވަނީ ބުނެފައެވެ.
އޭގެ ފަހުން 2015ވަނަ އަހަރު ދެ މީހުން ވެސް ފިލްމީ މަސައްކަތްތަކުން ކުޑަ ޗުއްޓީއެއް ނެގުމަށްފަހު ޗުއްޓީގެ މަންޒިލަކަށް ހަމަޖެއްސީ ދިވެހިރާއްޖެ ކަމަށާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ނިންމި މައިގަނޑު ބޭނުމަކީ ދިޕިކާއަށް ކައިވެނި ހުށަހެޅުން ކަމަށް ރަންވީރު ވަނީ ބުނެފައެވެ.
ދިޕިކާއަށް ކައިވެނީގެ ހުށަހެޅުން ހުށަހަޅަން ނިންމިކަން އެނގޭނެ ހަމައެކަނި ބަޔަކީ ރަންވީރުގެ މައިންބަފައިންނާއި ގާތް ދެ ތިން ރަޙްމަތްތެރިން ކަމަށް މި ޓޯކް ޝޯވްގައި އެކްޓަރު ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ހިތްގައިމުކަން ސިފަކޮށްދެމުން ރަންވީރު ބުނީ އެމީހުން ޗުއްޓީ ހޭދަކުރި ރިސޯޓާ ދުރު ނޫން ހިސާބެއްގައި އޮތް ހިތްގައިމު ފިނޮޅެއްގައި ދިޕިކާއަށް ކައިވެނީގެ ހުށަހެޅުން ހުށަހެޅުމާއެކު ބަތަލާއަށް އުފަލުން ރޮވުނު ކަމަށެވެ. އަދި ކައިވެންޏަށް ދިޕިކާ އާނއެކޭ ބުނި ވަގުތުކޮޅަކީ ޙަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ވަގުތުކޮޅު ކަމަށް ރަންވީރު ވަނީ ސިފަކޮށްފައެވެ.
ދެ ތަރިން އެންގޭޖު ވުމަށްފަހު އެކަން ތިން އަހަރު ވަންދެން ސިއްރު ކޮށްފައި އޮތުމަށްފަހު ކައިވެނި ކުރީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14ވަނަ ދުވަހުއެވެ. ކަރަން ޖޯހަރު ހޯސްޓު ކުރަމުން އަންނަ "ކޮފީ ވިތު ކަރަން"ގެ އަށްވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި ރަންވީރު އާއި ދިޕިކާގެ ކައިވެނީގެ ވަރަށް ޚާއްސަ ވީޑިއޯއެއް ވެސްވަނީ އާއްމުކޮށްފައެވެ. މިއީ ދެ ތަރިންގެ ކައިވެނީގެ ވާހަކަތައް އެހާ ހާމަކަން ބޮޑު ގޮތެއްގައި އާއްމުންނާ ހިއްސާ ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މި އެޕިސޯޑު ބެލުމަށް ފަހު ރަންވީރާއި ދިޕިކާއަށް ތަރުހީބު ކުރާ ގިނަ ބަޔަކު ބުނެފައި ވަނީ ޙަޔާތަށް ގެންނަން ބޭނުން ވަނީ ރަންވީރު ސިންގު ފަދަ ލޯބި ދޭން ދަންނަ މީހެއް ކަމަށެވެ.