ދާދި އަވަހަށް ވިނީޝިއަސް ބެލޮންޑިއޯ އެވޯޑު ހޯދާނެ: އެންޗެލޮޓީ

ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާ -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާ ދާދި އަވަހަށް ބެލޮންޑިއޯ އެވޯޑު ހޯދާނެ ކަމަށް އެ ކްލަބުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ވިނީޝިއަސް ވަނީ މިދިޔަ ސީޒަނުގައި ވެސް ރެއާލަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލްގެ ޖާޒީގައި 23 ގޯލު ކާމިޔާބުކޮށް، 19 އެސިސްޓް ހަދައިފައެވެ. އެންޗެލޮޓީ ގަބޫލުކުރާގޮތުގައި ވިނީޝިއަސްގެ މޮޅު ކުޅުމާއެކު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު ވެސް އޭނާ ހޯދާނެއެވެ.

"ދާދި އަވަހަށް ވިނީޝިއަސް ބެލޮންޑިއޯ އެވޯޑު ހޯދާނެ،" ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބްރާގާ އަތުން ރެއާލް ހޯދި މޮޅަށްފަހު، 'ޓީއެންޓީ' ސްޕޯޓްސް އިން ސުވާލުކުރުމުން އެންޗެލޮޓީ ބުންޏެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރަނީ ހަތް ފަހަރު އެ އެވޯޑު ހޯދާފައިވާ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ އިތުރުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފަރާންސް ތަރި ކިލިއަން އެމްބާޕޭ އާއި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑެވެ.

މިދިޔަ ސީޒަނުގައި އެމްބާޕޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވި ނަމަވެސް، އެމްބާޕޭ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައިފައެވެ. ދެން އެވޯޑަށް ވާދަކުރާ ހާލަންޑް، މެންޗެސްޓާ ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ގިނަ ރެކޯޑުތަކެއް މުގުރާލައިފައެވެ. އޭނާ ވަނީ ސިޓީއާ އެކު މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

މެސީއަށް މި ފަހަރުގެ ބެލޮންޑިއޯ އެވޯޑު ލިބެން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދަނީ، ކެޕްޓަނެއްގެ ގޮތުގައި އޭނާ އާޖެންޓީނާއަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުންނެވެ. އެއީ، 1986 ވަނަ އަހަރަށް ފަހު، އާޖެންޓީނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ވޯލްޑް ކަޕް ތައްޓެވެ. އަދި، އެއީ މެސީގެ ކެރިއަރުގައި ވެސް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

comment ކޮމެންޓް