ކަރަން އާއި ގުނީތުގެ ފިލްމަށް ކްރިތިކާ ކަމްރާ

ބަތަލާ ކްރިތިކާ

ކަރަން ޖޯހަރުގެ ދަރުމާ ކުންފުންޏާއި ޑައިރެކްޓަރު ގުނީތު މޯންގާގެ ފިލްމު ކުންފުނި ސިކްޔާ އެންޓަޓެއިންމެންޓްއިން އުފައްދާ ފިލްމަށް ބަތަލާ ކްރިތިކާ ކަމްރާ ގެންނަން ނިންމައިފިއެވެ.

"ގިޔާރާ ގިޔާރާ" ނަމަކަށް ކިޔާ މި ފިލްމުގައި ކްރިތިކާ ކުޅެން ހަމަޖެހިފައި ވަނީ ވަރަށް ޖެހިލުން ކުޑަ އަންހެން ފުލުހެއްގެ ރޯލް ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ޓީވީ ސީރީސް ތަކުން އާއްމުންގެ މަގުބޫލުކަން ހޯދި ބަތަލާއަށް މި ފިލްމުން ލިބުނު ފުރުސަތާ އެކު ބުނީ، ކަރަން އާއި ގުނީތު އާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު އެއްވެސް ފިލްމީ ފަންނާނަކު ދޫ ނުކުރާނެ ކަމުގައެވެ.

ކަރަން އާއި ގުނީތު އެކުވެގެން އުފައްދާ ފިލްމެއްގެ ކޮލިޓީ އާ މެދު ސުވާލު ނުއުފެދޭ ކަމަށް ބުނަމުން ކްރިތިކާ ބުނީ، މި ފިލްމާ އެކު ފިލްމީ ކެރިއަރު ގައި ކުރިޔަށް ދިއުމަށް ބޭނުން ހިފޭނެ ވަރަށް ގިނަ ފިލާވަޅުތައް ތަޖުރިބާ ކުރެވޭނެ ކަމުގެ ޔަޤީން ކަން ބަތަލާއަށް އެބައޮތް ކަމަށެވެ.

ކަރަން ޖޯހަރަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރުންގެ ތެރޭ ހިމެނޭ ފަރާތަކަށް ވާއިރު ޑައިރެކްޓަރު ގުނީތު މޮންގާ އަކީ، ޑޮކިއުމެންޓްރީ ފިލްމު "އެލެފެންޓް ވިސްޕަރާސް" އިން އިންޑިއާއަށް ފުރަތަމަ އޮސްކާ އެވޯޑް ހޯދައިދިން ކުޅަދާނަ ފިލްމު އުފެއްދުންތެރި އެކެވެ.

ޑައިރެކްޓަރު ގުނީތު މޮންގާ، ކަރަން ޖޯހަރު އަދި ބަތަލާ ކްރިތިކާ
ޓެލެވިޒަން ސީރީސްތައް ދޫކޮށް ފިލްމީ ދާއިރާއިން ކުރިޔަށް ދާން ނިންމި 34 އަހަރުގެ ބަތަލާއަކީ ފިލްމު ތަކުގެ އިތުރުން ގިނަ ވެބް ސީރީސްތައް ކުޅެފައިވާ ފަރާތެކެވެ. މި އަހަރުގެ މާޗް މަހު ރިލީޒްވި ފިލްމު "ބީޅް"ގެ ރޯލަކުން ކްރިތީ ފެނިފައި ވާއިރު ދާދި ފަހުން އެމޭޒަން ޕްރައިމްގައި ރިލީޒް ކުރި ވެބް ސީރީސް "ބަމްބައި މެރީ ޖާން" ގައިވެސް ކްރިތީ ވަނީ މުހިއްމު ރޯލެއް ކުޅެފައެވެ.

comment ކޮމެންޓް