ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ދަ ގާޑްންސްގެ ނުނިމި ބާކީ ހުރި މަސައްކަތް އާބަންކޯގެ ބެލުމުގެ ދަށުން މިއަދު އަލުން ފަށައިފިއެވެ.
ދަ ގާޑަންސްގެ މަސައްކަތް އާބަންކޯއިން މިއަދު ފަށާފައިވާއިރު، މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ ފުލެޓުތަކުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި، ހައްގުވެރިންނާ ހަވާލު ކުރާނެ ކަމަށް ވައުދުވެލައްވައިފައެވެ.
ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ދަ ގާޑްންސްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރޭގައި، 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޕްލާސްޓަރިން، ޕުޓީގެ މަސައްކަތް، މުށި އަދި ސީލިންގް ކުރުމުގެ މަސައްކަތް ދަނީ ހިންގަމުންނެވެ.
އާބަންކޯއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ އެ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައިލުން ކަމަށެވެ.
ކެމްޕޭން ތެރޭ ރައީސް ޞާލިޙް ވިދާޅުވީ ޖާހުގެ ފްލެޓްތަކުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަ މަަސް ދުވަހުގެ ތެރޭގައި އާބަންކޯއިން އެ ފުލެޓުތައް ނިންމައި ފުލެޓު ދިނުމަށް ލިޔުން ލިބިފައި ހުރި ހުރިހާ އެންމެންނަށް އެ ތަން ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން ދާއިރާގައި ނަން ހިނގާ ޖައުސާ ކުންފުންޏާ އެއް ކުޑައިގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓްސަށް އެ ބިން ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި، ދެއަހަރު ތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް، މިހާތަނަށް ވެސް އެތަން ނިމިފައި ނުވެއެވެ.
އޭގެ ފަހުން އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، ފުލެޓު ގަތް މީހުން ވަނީ އެކި ފަހަރު މަތިން މުޒާހަރާ ވެސް ކޮށްފައެވެ. އަދި އެ މަސައްކަތުގައި އުޅޭ ލޭބަރުން ވެސް އެކި މައްސަލަތަކުގައި ދޭތެރެއަކުން އިހުތިޖާޖު ކުރެއެވެ.