ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ދެވަނަ ޑިވިޝަންގައި ވާދަކުރާ މަސްއޮޑި ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
މަސްއޮޑި ސްޕޯޓްސް އިން ތޮއްޕެ ސޮއިކުރިކަން އިއުލާންކުރި އިރު، މީގެ ކުރިން އެ ކްލަބުން ވަނީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ގެންގޮސްފައެވެ.
ތޮއްޕެ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަންގައި ކުޅުމަށްފަހު، އިތުރު ބޮޑެތި ކްލަބުތަކަކަށް ވެސް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިއާއަށް ވެސް ކުޅެފައެވެ.
ތޮއްޕެ ދައްކަމުންދިޔަ މޮޅު ކުޅުމާއެކު އޭނާއަށް ގައުމީ ޓީމުން ވެސް ފުރުސަތު ލިބިގެންދިޔައެވެ. ގައުމީ ޓީމާއެކު ދުވަސްތަކެއް ހޭދަކުރި ތޮއްޕެ މިހާރު ބޮޑަށް ފާހަގަކޮށްލެވެނީ ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ ލ. ގަމަށް މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނިގެންދިޔައެވެ.
ކުރިއަށްއޮތް ދެވަނަ ޑިވިޝަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މަސްއޮޑި ސްޕޯޓްސް އިން ގެންދިޔަ އެންމެ މުހިންމު ކުޅުންތެރިޔަކީ އިއްބެއެވެ. މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު އިއްބެ އަކީ ގައުމީ ފުޓުބޯޅަ ޓީމުގައި ވެސް ވިދާލި ކުޅުންތެރިއެކެވެ. އިއްބެ 2016 އިން ފެށިގެން ގައުމީ ޓީމަށް ކުޅެމުންދާ އިރު، އޭނާ ވަނީ ރާއްޖެއަށް 2018ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖެ އިން ހޯދި ދެވަނަ ތައްޓެވެ.
އިއްބެއަށް ފުރަތަމަ ޑިވިޝަނަށް ކުޅުމުގެ ފުރުސަތު ގެއްލުނީ މިއަހަރުގެ ސީޒަނަށް ވެލެންސިއާއަށް ގުޅުމާއެކުއެވެ. އެއީ ވެލެންސިއާއަށް ކުޅުނު ބިދޭސީ ފޯވަޑް ބޯހަސް މާޓިންއަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ، ފީފާ އިން އެ މައްސަލަ ބެލުމަށްފަހު އާ ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭ ގޮތަށް އެ ކްލަބު ސަސްޕެންޑުކުރުމުންނެވެ.
އިއްބެއަށް ފުރަތަމަ ޑިވިޝަންގެ މެޗެއްގައި ކުޅެވިފައި ނުވި ނަމަވެސް، އޭނާއަށް މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގައުމީ ސްކޮޑުން ފުރުސަތު ލިބުނެވެ. މިއަހަރު އިންޑިއާގައި ބޭއްވި އެ މުބާރާތުގެ ބައެއް މެޗުތަކުގައި ވެސް އޭނާ ކުޅުނެވެ.
ދެވަނަ ޑިވިޝަނަށް މަސްއޮޑި ސްޕޯޓްސް އިން ނުކުންނާނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތި)ގެ އިރުޝާދުގެ ދަށުންނެވެ. އޭނާއަކީ މީގެ ކުރިން ފުރަތަމަ ޑިވިޝަންގައި ގިނަ ކްލަބުތަކަކަށް އިރުޝާދު ދިން ކޯޗެކެވެ.