ހދ. މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި ހޮނިހިރު ދުވަހު ހިނގި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ހަށިގަނޑުތައް އިންޑިއާއަށް ފޮނުވާލީ ނިޔާވި ދެ ބިދޭސީންގެ އާއިލާއާ ހަވާލުކުރަން ކަމަށެވެ.
މަކުނުދޫގެ މަސް މާރުކޭޓު ސަރަޙައްދުގައި އޮތް ސިލިންޑަރެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި ދެ މީހުން މަރުވެފައިވާއިރު އެއީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ ބިދޭސީ މުވައްޒަފުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގޭސް ސިލިންޑަރެއް ގޮވައި ހިނގި މި ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުދިކުދިވެފައެވެ.
މި ހާދިސާ ހިނގި މަސް މާރުކޭޓް ސަރަހައްދަކީ ބިން ހިއްކާ މީހުން ތަކެތި ބަހައްޓާ ސަރަހައްދެއް ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.