ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ، މިދިޔަ އަހަރު ހޯދީ އޭނާއަށް ހައްގު ބެލޮންޑިއޯ އެވޯޑެއް ކަމަށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.
ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ބެންޒެމާ، މިދިޔަ އަހަރުގެ އެވޯޑު ހޯދާފައިވަނީ ހަތް ފަހަރު އެ އެވޯޑު ހޯދާފައިވަނީ މެސީ އާއި އިތުރު ތަރިންތަކެއް ފަހަތަށް ޖައްސައިލުމަށް ފަހުއެވެ. "އެލް އިކުއިޕް" އިން ނެރުނު ބަލޮންޑިއޯ 2022ގެ ހާއްސަ ޑޮކިއުމެންޓަރީއަށް ދިން އިންޓަވިއުއެއްގައި މެސީ ވަނީ މިދިޔަ އަހަރުގެ އެވޯޑާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.
"އަހަރެން ދެކެނީ އެއީ ބެންޒެމާއަށް ހައްގު އެވޯޑެއް ކަމަށް. ބެންޒެމާ އަހަރުގެ ތެރޭގައި ދެއްކި ކުޅުމާއި، ކެރިއަރުގައި ހޯދި ކާމިޔާބީތަކަށް ބަލާފައި ބެންޒެމާއަށް ހައްގު. ބެންޒެމާއަކީ މޮޅު ކުޅުންތެރިއެއް، އަދި ކެރިއަރުގައި އެ އެވޯޑަކީ އޭނާއަށް މުހިންމު އެވޯޑަކަށް ވާނެ،" މެސީ ބުންޏެވެ.
ބެންޒަމާ އަދި މެސީ ވެސް ވަނީ މިދިޔަ ސީޒަނަށް ފަހު ޔޫރަޕް ދޫކޮށްލައިފައެވެ. ރެއާލް ދޫކޮށް ސައުދީގެ އަލް އިއްތިހާދާ ބެންޒެމާ ގުޅުނު އިރު، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށް މެސީ ގުޅުނީ އެމެރިކާގެ އިންޓަ މަޔާމީއާއެވެ.
މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް މެސީ ވަނީ ނޮމިނޭޓްވެފައެވެ. މި ފަހަރުގެ އެވޯޑަށް މެސީއާ އެންމެ ބޮޑަށް ވާދަކުރާ ދެ ކުޅުންތެރިންނަކީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފަރާންސް ތަރި ކިލިއަން އެމްބާޕޭ އާއި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑެވެ.
މިދިޔަ ސީޒަނުގައި އެމްބާޕޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވި ނަމަވެސް، އެމްބާޕޭ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައިފައެވެ. ދެން އެވޯޑަށް ވާދަކުރާ ހާލަންޑް، މެންޗެސްޓާ ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ގިނަ ރެކޯޑުތަކެއް މުގުރާލައިފައެވެ. އޭނާ ވަނީ ސިޓީއާ އެކު މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
މެސީއަށް މި ފަހަރުގެ ބެލޮންޑިއޯ އެވޯޑު ލިބެން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދަނީ، ކެޕްޓަނެއްގެ ގޮތުގައި އޭނާ އާޖެންޓީނާއަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުންނެވެ. އެއީ، 1986 ވަނަ އަހަރަށް ފަހު، އާޖެންޓީނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ވޯލްޑް ކަޕް ތައްޓެވެ. އަދި، އެއީ މެސީގެ ކެރިއަރުގައި ވެސް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.