ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ޝަރީއަތް ލަސްވުމުގައި ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ގިނަކަމަށް ވިދާޅުވެ, އެ މައްސަލަ މޮނީޓާ ކުރަން ރައީސް ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާޅުކުރައްވައިިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައިގައި އޭނާއަށް ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރައްވަމުން ގިނަ ކަންތައްތަކެއްވަނީ ފާހަގަކުރައްވައިފައެވެ.
އޭގެ ތެރޭގައި މި މައްސަލައިގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންތަކެއް މައްސަލަ ބެލުމުން ތަނާޒުލްވުމާއި މައްސަލަ ބައްލަަވަމުން ދިޔަ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ހައިކޯޓަށް ޕްރޮމޯޓްވުމާއެކު އެ މަގާމު ދުވަސްކޮޅަކު ހުސްވެފައި ހުރުން ވެސް ފާހަގަކުރެއްވިއެވެ.
"މި މައްސަލައިގައި ބައެއް ފަނޑިޔާރުން ތަނާޒުލްވުމުން އެހެން ފަނޑިޔާރުން އައްޔަންކުރުމަށް ހޭދަވި މުއްދަތާ ހެދި ވެސް މައްސަލައިގެ ޝަރީއަތަށް މަޑުޖެހުން ވަނީ އައިސްފައި، އަދި ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ހައިކޯޓަށް ޕްރޮމޯޓްވުމާއެކު އެ މަގާމު ދުވަސްކޮޅަކު ހުސްވެފައި ހުރުން ފަދަ ބަދަލުތަކާހެދި ޝަރީއަތް އިތުރަށް ލަސްވުމަށް އައީ މަގުފަހިވަމުން،" އައްބާސް ވިދާޅުވިއެވެ.
އެ ކަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކުރުމުން، ފަނޑިޔާރުން އައްޔަންކުރުމަކީ ގިނަ މަރުހަލާތަކެއް ހިމެނޭ، އުނދަގޫ ކަމެއްކަމަށް ބުނިކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
ނަމަވެސް އެއީ ބަލައިގަނެވޭނެ އުޒުރެއް ނޫންކަމަށާއި، އެއީ ފަނޑިޔާރުންގެ މިނިވަންކަމަށާއި ޝަރީއަތްތަކަށް ހުރަސް އެޅޭހެން ކަންކަން ނުކުރުމަށް ޖޭއެސްސީއަށް ކުރަން ހުރި ކަންތައްތަކެއްކަން ފާހަގަކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން ޝަރީއަތުގެ ތާވަލެއް އާންމުކޮށްގެން ކުރިއަށް ދިޔަ ނަމަވެސް ޝަރީއަތްތައް ކުރިއަށް ދިޔައީ ކަންބޮޑުވާ މިންވަރަކަށް ލަސްކޮށްކަމަށް ފާހަގަކުރެއްވިއެވެ.
އައްބާސް ވިދާޅުވީ ފަނޑިޔާރުންނާ ސުވާލުކޮށް، ޝަރީއަތް ލަސްވާ ސަބަބު ދެނެގަނެވޭނެ ގޮތެއް ވެސް ނެތްކަމަށެވެ. އެ ފަދައިން ޖަވާބުދާރީ ކުރުވޭނެ މަގެއް ގާނޫނީ ގޮތުން މިހާރު ނެތްކަމަށާއި، އެ ފަދަ ސުވާލެއް އަމާޒުކުރުމަަކީ ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ބެލެވޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ގާނޫނީ އިމުގެ ތެރެއިން ފަނޑިޔާރުންނާ ސުވާލުކުރެވޭނެ މަގެއް އޮތުން މުހިންމު ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މައްސަލައިން ފަނޑިޔާރަކު ތަނާޒުލްވެއްޖެ ނަމަ އެ ސަބަބެއް ދެނެގަނެ އޮޅުންފިލުވުމަށް ޓަކައި ކުރެވޭނެ ކަންކަން ދެނެގަތުމަކީ ވެސް ކުރުން މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.
"ތިއީ ވަރަށް ސީރިއަސް ސުވާލެއް. އަޅުގަނޑުގެ ވިސްނުމުގައި ވެސް ތިކަން އެބައޮތް. އަަޅުގަނޑަށް ފާހަގަވީ ޖޭއެސްސީގެ ނެތްކަން އެ ސަބަބު ދެނެގަންނަން ސުވާލުކުރުމުގެ ބާރެއް. ތަނާޒުލްވި ސަބަބު އެއީ އަޅުގަނޑުމެން ދެނެގަންނަން ބޭނުންވާ ކަމެއް. އެއީ އަމިއްލަ ކަމަކާ ހެދިތޯ ނުވަތަ އެހެން ބޭނުމެއް އެކަމުގައި އޮވެގެންތޯ. އެނގިލައްވާނެ، ޖުޑީޝަރީގެ ނިޒާމަކީ ސާފު ނިޒާމަކަށް ވާންޖެހޭ،" އައްބާސް ފާއިޒް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި ބޮމުގެ ހަމަލާގެ ޝަރީއަތުން ތަނާޒުލްވި ފަނޑިޔާރުން އެ ކަން ކުރެއްވީ ސީދާ ކޮން ސަބަބަކާ ހެދިކަން ވެސް ދެނެގަންނަން އުނދަގޫކަމަށެވެ.
މި ކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ފަނޑިޔާރުން ތަނާޒުލްވާ ސަބަބާމެދު މީގެ ކުރިން ސުވާލު ނުއުފައްދާކަމަށެވެ.
އެ ކަމަށް ޚާއްސަ ފޯމެއް އޮންނައިރު، އެ ފޯމު ފުރުމުން އެ ފަނޑިޔާރަކަށް އެ މައްސަލައިގެ ލިޔެކިޔުންތައް ހިއްސާކުުރުން ހުއްޓައިލައި، ފޮރުވޭކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިއީ ސުވާލު އުފެއްދުން މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.
"ދެން މީގެ ކުރިން ސުވާލު އެގޮތަށް ކުރިމަތިވާ ކަމެއް ނޫން. އެހެންވީމަކާ އަޅުގަނޑުމެންނަށް އެގޮތަށް، އަޅުގަނޑުމެން ސުވާލެއް ނުއެއްކުރަން ކޯޓުތަކާ ކީއްވެެތޯ ވަކި ފަނޑިޔާރަކު ރެކިއުސް [ތަނާޒުލް] ވަނީ،" އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ކްރިމިނަލް ކޯޓުގެ ޖާގައިިގެ ދަތިކަން ވެސް އައްބާސް ފާއިޒާއި ޕީޖީ ވެސް ފާހަގަކުރެއްވިއެވެ.
އައްބާސް ފާއިޒް ވިދާޅުވީ އެ ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާ ވެސް ހިއްސާކުރައްވައިފައިވާކަމަށެވެ. އަަދި ޖޭއެސްސީއާ ވެސް ހިއްސާކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެއާއެކު މިއީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް މުސްތަގްބަލުގައި ވެސް ހައްލުކުރަން ހުރި މުހިންމު ކަންކަން ކަމަށް ފާހަގަކުރެއްވިއެވެ.
ނަޝީދު އަވަހާރަކޮށްލުމަށް ދުރާލާ ރާވައިގެން އައިއީޑީއެއް ގޮއްވާލައިގެން ހަމަލާއެއް ދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭގައެވެ. އެއީ އެމަނިކުފާނުގެ ގެކޮޅުން، މަޖީދީ މަގުގައި އޮތް އެމަނިކުފާނު ކާރުކޮޅަށް ވަޑައިގަންނަވަން ދަނިކޮށެވެ. އެ އައިޑީ ހަރުކޮށްފައި އޮތީ އެ ގޯޅީގެ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ.
ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ. އެއީ އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށެވެ.
އޭގެ ތެރެއިން އަދުހަމަށް 23 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު އަލީ މަނިކުގެ މައްޗަށް ކުރީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.