ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ގައުމީ އަރުޝީފުގެ ލަފާ ހޯދުމެއް ނެތި، ގަވައިދާ ޚިލާފަށް ލިޔެކިޔުންތަކެއް ނައްތައިލި މައްސަލައިގައި ފުލުހަށް ދާނެ ކަމަށް ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) މިރޭ ވިދާޅުވެއްޖެއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެނުނީ އެެފްއެސްއެމްގެ ލިޔެކިޔުންތަކެއް ސިމެންތި ގަށާ މެޝިނަކަށް އަޅައި، އެ ނައްތައިލައި ތަނެވެ.
ނައްތައިލީ ކުންފުންޏަށް ބޭނުންނުވާ ލިޔުންތަކެއް ކަމަށް އެ ކުންފުނިން ބުނިއިރު، އެ މަންޒަރު ވީޑިއޯކުރި މުވައްޒަފު ވަނީ ސަސްޕެންޑުކޮށްފައެވެ.
މި ކަމާ ގުޅިގެން މިއަދު ކަންބޮޑުވުން ފާޅުކުރައްވައި އެ މައްސަލަ ބަލައިދިނުމަށް ފުލުހުން ޓެގްކުރައްވައި އެންމެ ފުރަތަމަ އެކްސްގައި ޕޯސްޓުކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިގު (މަނަދޫ ޠާރިގު)އެވެ.
އޭނާ ވަނީ ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް ގާނޫނާ ޚިލާފަށް ނައްތައިލުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި "ސަން"އާ ވާހަކަދައްކަވަމުން އާމިރު ވިދާޅުުވީ މި ކަމުގައި ފުލުހަށް ދިއުމާ މެދު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ ލަފާފުޅު ހޯއްދަވައިފައިވާ ކަމަށެވެ.
އެގޮތުން މައްސަލަ ހުށަހެޅުމުގައި އެ ކަމަނާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ފާހަގަކުރެއްވިއެވެ. އާމިރު ވިދާޅުވީ ގައުމީ އަރުޝީފުން ފުރަތަމަ އަމަލުކުރާނީ ދެ ގޮތަކަށް ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން އެފްއެސްއެމުން މައުލޫމާތު ހޯދާނީ މިއީ ކިހިނެއް، ކީއްވެ ކުރި ކަމެއްތޯ. މައުލޫމާތު އެއްކޮށްފައި ދެން މި މައްސަލަ ހުށަހަޅާނީ ފުލުހަށް،" އާމިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލިޔެކިޔުންތަކެއް ނައްތައިލިއިރު އެ ކަން އަރުޝީފަށް އަންގައިފައި ވެސް ނުވާ ކަމަށެވެ. ޚުދު އޭނާއަށް ވެސް އެ ކަން އެނގުނީ ސޯޝަލް މީޑިއާއިން ކަމަށް ވިދާޅުވިއެވެ.
އެއާއެކު އާމި ރުވަނީ މި މައްސަލަަ އިތުރަށް ކުރިއަށްދާ މިންވަރަކުން ގައުމީ އަރުޝީފުގެ ފަރާތުން މައުލޫމާތު ހާމަކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެފްއެސްއެމުން މިއަދު ބުނީ މުހިންމު ލިޔެކިޔުންތަކެއް ނައްތައިލަމުންދާ ކަމަށް ބުނެ މީސްމިޑިއާގައި ދައުރުވަމުންދާ ވިޑިއޯގައި ފެންނަ ލިޔެކިޔުންތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ގުދަން ކުރެވިފައިހުރި ލިޔެކިޔުން ތަކެއް ކަމަށެވެ. އަދި މިހާރު އެފްއެސްއެމަށް އެ ލިޔެކިޔުންތަކުގެ އެއްވެސް ބޭނުމެއް ނުހިފޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިފަދަ ވީޑިއޯތައް ނަގާ މީސް މީޑިއާގައި ދައުރު ކުރަމުން ދަނީ އާންމުންނާއި އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ކުންފުންޏާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް ވެސް އެ ކުންފުނީގެ މެނޭޖުމެންޓުން ދެކޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި، މިފަދަ ކަންކަމަކީ ކަމުގެ ހަގީގަތް އާންމުންނަށް އޮޅިގެންދާ ފަދަ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް އެ ކުންފުނީގެ މެނޭޖުމަންޓުން ވަނީ ބުނެފައެވެ.