ކުޅުންތެރިން ގެނައުމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް ފުރިހަމަ ބާރު ދީފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ މިހާރު ވަނީ ކުޅުންތެރިންގެ ޓްރާންސްފާތަކުގެ ހުރިހާ ބާރެއް ކޯޗު ޕޮޗެޓީނޯއަށް ދީފައެވެ. އެހެންކަމުން ކުރިއަށްއޮތް ޖެނުއަރީ ޓްރާންސްފާގައި ޕޮޗެޓީނޯ ބޭނުންވާ ކުޅުންތެރިން ޓީމަށް ގެނެސް، ދޫކޮށްލަން ބޭނުންވާ ކުޅުންތެރިން ދޫކޮށްލުމުގެ ބާރު އޭނާއަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިސީޒަނުގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޕޮޗެޓީނޯއަށް ޓްރާންސްފާތަކުގެ ހުރިހާ ބާރެއް ދިނުމުން ޖެނުއަރީ ޓްރާންސްފާގައި ފުރަތަމަ ކަމަކަށް އޭނާ ބޭނުންނުވާ ކުޅުންތެރިންތައް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. އެގޮތުން އެންމެ ފުރަތަމަ ދޫކޮށްލާނީ ޕޮޗެޓީނޯގެ ރޭވުންތަކުގައި ނުހިމެނޭ އުމުރުން 24 އަހަރުގެ އިނގިރޭސި ޑިފެންޑަރު ޓްރެވޯ ޗަލޮބާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރޯމާއިން ދަނީ ޖެނުއަރީ ޓްރާންސްފާގައި ޗަލޮބާއަށް ބިޑު ކުރުމަށް ތައްޔާރުވަމުންނެވެ. ޗެލްސީން ވެސް ހުރީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ، އޭނާ ދޫކޮށްލާ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މިވަގުތު އޮތީ ކުޅުނު ނުވަ މެޗުން ހޯދި 12 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ. ލީގުގައި އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ ވަނީ 2-2ގެ ނަތީޖާއަކުން އާސެނަލް އަތުން އެއްވަރުވެފައެވެ.