މަކުނުދޫގައި ހިނގި ފަދަ ހާދިސާތައް ތަކުރާރު ނުވާނެހެން ފިޔަވަޅު އެޅުމަށް މުއިއްޒު ގޮވާލައްވައިފި

އޮގަސްޓް 25، 2021: މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހދ. މަކުނުދޫގައި މިއަދު އެއްޗެއް ގޮވައި ދެ މީހަކު މަރުވުމާ ގުޅިގެން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިތާމަ ފާޅުކުރައްވައި، އެފަދަ ހާދިސާތައް ތަކުރާރު ނުވާނެހެން ފިޔަވަޅު އެޅުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ގޮވާލައްވައިފިއެވެ.

ޑރ. މުއިއްޒުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ މަކުނުދޫގައި ހިނގި ހާދިސާގައި ދެ މީހަކު މަރުވި ޚަބަރު އެހީ ފުން ހިތާމައާއި ކަންބޮޑުވުމާ އެކު ކަމަށެވެ.

އެފަދަ ހާދިސައެއް މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށީގައިވެސް ހިނގައި، ބަޔަކަށް އަނިޔާވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ދެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގު ކުރުމަށް މުއިއްޒު ގޮވައިލެއްވިއެވެ.

"މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަން،" ބަޔާނުގައިވެއެވެ.

މަކުނުދޫގައި އެއްޗެއް ގޮވުމުގެ ސަބަބުން، އެ ސަރަހައްދުގައި ހުރި މަސް މާރުކޭޓަށް ގެއްލުންވެފައި --

މީގެ އިތުރުން ނިޒާމީ ގޮތެއްގައި މި ފަދަ މައްސަލަތަކަށް ހޯދަންޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި މަކުނުދޫގައި ހިނގި ހާދިސާގައި ގޮވާފައި ވަނީ އެ ރަށު މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެކެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ބިދޭސީ ދެ ފިރިހެނުން ކަމަށާއި އެ މީހުންނަކީ އެ ރަށު އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް