އަށް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ޖޫން 7، 2016: ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 29 ކިލޯގެ މަސްތުވާތަކެތި ނޫސްވެރިންނަށް ދައްކާލުން: މި މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއާ އަދި އެއާކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު އަށް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ތިން ޝިޕްމަންޓެއް ކަމަށެވެ.

މީގެ ތެރެއިން، ފުރަތަމަ ޝިޕްމަންޓް އަތުލައިގެންފައި ވަނީ، ކުރިއާ މެދުވެރިކޮށް ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރެއިން ޝައްކުވާ ޒާތުގެ އެއްޗެއް ފެނުމުންނެވެ.

އެ ފެކޭޖް އަތުލަގެންފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، އިންޑިއާއިން ރާއްޖެ ފޮނުވާފައިވާ އެއާކާގޯ، ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިގެން އިތުރަށް ބަލައި ފާސްކުރިއިރު، 3040 ގްރާމްގެ ހެރޮއިން ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މީގެ ތެރޭގައި ހިމެނޭ ތިން ވަނަ ޝިޕްމަންޓް އަތުލައިގެންފައި ވަނީ، މި މަހުގެ ހަތް ވަނަ ދުވަހު ތައިލޭންޑުން ރާއްޖެ އައިސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމުން ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.

މި ޕެކޭޖްގައި، 3550 ގްރާމްގެ ހެރޮއިން ހުރިކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް