ބޭސްއެތެރެކުރަން އެއްބަސްވުމެއް ހަދާ ވާހަކަ އެސްޓީއޯއިން ދޮގުކޮށްފި

އެސްޓީއޯ ހެޑް އޮފީސް އިމާރާތް--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

އެސްޓީއޯއިން އިންޑިއާގެ ޓަމިލްނާޑޫގެ ކުންފުންޏަކާއެކު، ރާއްޖެއަށް ބޭސްއެތެރެކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ އެސްޓީއޯއިން ދޮގުކޮށްފިއެވެ.

މ. ދިމްޔާތުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ، މިހާރުގެ ސަރުކާރުން ރާއްޖެއަށް ބޭސްއެތެރެ ކުރުމަށް ޓަމިލްނާޑޫގެ ބަޔަކާއެކު އެއްބަސްވުމެއް ހަދަން އުޅޭ ކަމަށާއި އެކަން އިހަށް މަޑުޖައްސާލުމަށް މުއިއްޒު އެދިވަޑައިގަތް ކަމަށް ވިދާޅުވެފައެވެ.

އެވާހަކައަށް އިޝާރާތްކޮށް އެސްޓީއޯ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މިވަގުތު ސޮއި ކުރަން ނޫޅޭ ކަމަށެވެ.

އަދި އެފަދަ ކަމެއް ހުއްޓުމަށްވެސް އެއްވެސްފަރާތަކުން އެކުންފުންޏަށް އަންގައިފައި ނުވާ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ފިރުޒުލް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ އެކިއެކި ބޭހާއި އެއާ ގުޅޭ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމަށް ވާ ޚާއްޞަ އެއްބަސްވުމެއްގެ ތެރެއިން އެސްޓީއޯ އާއި ޓަމިލްނާޑޫގެ ކުންފުންޏަކާ ދެމެދު ވާން ހަމަޖެހިފައިވާ އެއްބަސްވުމެއް ކަމަށެވެ.

comment ކޮމެންޓް