ވޯލްޑް ކަޕް 2030ގެ ފައިނަލު މޮރޮކޯގައި ބޭއްވުމަށް މަސައްކަތްކުރަނީ

ވޯލްޑް ކަޕް ޓްރޮފީ -- ފޮޓޯ/ ގެޓީ

ވޯލްޑް ކަޕް 2030ގެ ފައިނަލު އެގައުމުގައި ބޭއްވުމަށް މޮރޮކޯއިން މަސައްކަތްކުރާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ވޯލްޑް ކަޕް 2030 ބޭއްވުމަށް ނިންމާފައިވަނީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައެވެ. އޭގެ ތެރެއިން ފައިނަލް މެޗު ބާއްވާނެ ކަމަށް ބެލެވިފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ދަނޑު ސެންޓިއާގޯ ބެރްނަބެއުގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި މޮރޮކޯއިން ދަނީ އެގައުމުގައި ފައިނަލް މެޗު ކުޅުމަށް ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އެ ބިޑާ ބެހޭގޮތުން މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައި ވޯލްޑް ކަޕް 2030 ބޭއްވުމަށް ނިންމާފައިވާ އިރު، މުބާރާތް ބާއްވަން ފެށިތާ ގަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން ވޯލްޑް ކަޕް 2030ގެ ފުރަތަމަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނު އެމެރިކާގެ އުރުގުއާއީ، އާޖެންޓީނާ އަދި ޕެރަގުއޭގައެވެ. ގަރުނެއް ފާހަގަކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ފުރަތަމަ ވޯލްޑް ކަޕް ބޭއްވި އުރުގުއާއީގެ ވެރިކަން ކުރާ ސިޓީ، މޮންޓެވީޑިއޯގައެވެ.

ވޯލްޑް ކަޕް 2030ގައި 48 ޓީމެއް ވާދަކުރާނެއެވެ.

comment ކޮމެންޓް