ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ޕޯސްޓަކާއި އޮންލައިން އާޓިކަލެއްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތަކެއް ބަލައިދިނުމަށް ބައެއް ކައުންސިލްތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޭނާ އެދިލައްވައިފިއެވެ.
ރޮޒޭނާ ކުރެއްވި ޓްވީޓެއްގައިވަނީ އެ ވާހަކަތައް ބަލައިދިނުމަށް އެދި އިދާރާތަކަށް ފޮނުއްވި ސިޓީތައް ހާމަކުރައްވައިފައެވެ.
އޭގައިވާ ގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަނީ، ރޮޒޭނާގެ މިލްކުވެރިކަމުގައި އައްޑޫގައި ދެ މިލިއަން ރުފިޔާގެ ގޯއްޗެއް ހުރިކަމަށާއި ރައީސް އޮފީހުގައި ހުންނަ 'ބަދަލު ދޭ ކޮމިޓީ' އަކުން ރޮޒޭނާއަށް ދެ ރަށާއި ފަަޅެއްގެ އިތުރުން 30 މިލިއަން ރުފިޔާ ދޭން ނިންމައިފައިވާކަމަށެވެ.
އަދި ލ. ގަމުގައި އެއް މިލިއަން ރުފިޔާގެ ގޯއްޗެއް ހުރިކަމަށާއި ނ. އަތޮޅުން އޭނާއަށް 200 މިލިއަން ރުފިޔާގެ ފަޅު ރަށެއް ދީފައި އޮތް ކަމަށާއި އދ. އަތޮޅުގައި އޭނާގެ މިލްކުގައި ހަތަރު މިލިއަން ރުފިޔާގެ ބިމެއް ހުރި ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ރޮޒޭނާ ވިދާޅުވީ ރައީސް އޮފީހުން އޭނާއަށް ބަދަލު ދޭން ޖެހޭ ސަބަބެއް އޮތްކަން އޭނާއަށް ވެސް އެނގިނުލައްވާ ކަމަށާއި، އެ ފަދަ ބަދަލެއް ދޭން އުޅޭކަން އެ އޮފީހުން ވެސް ނާނގާކަމަށެވެ.
އެހެންވެ އެ ފަދަ ނިންމުމެއް ރައީސް އޮފީހުން ނިންމައިފައިވޭތޯ ބަލައިދިނުމަށް ރޮޒޭނާ އެދިލެއްވިއެވެ.
ހަމައެއާއެކު އައްޑޫގައި ދެ މިލިއަން ރުފިޔާގެ ގޯއްޗެއް ވެސް ރޮޒޭނާގެ ނަންމަތީގައި އޮތްކަން އޭނާއަށް އެނގިނުލައްވާކަމަށާއި އޭނާގެ ނަމުގައި ގޯއްޗެއް އޮތްތޯ ޔަގީންކޮށްދިނުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުގައި ރޮޒޭނާ ވަނީ އެދިލައްވައިފައެވެ.
އަދި ނ. އަތޮޅާއި އދ. އަތޮޅު ކައުންސިލުގައި ވެސްވަނީ އެ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް އެދިފައެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ރޮޒޭނާ ވިދާޅުވީ އެ ފަދަ ވާހަކަތަކުގެ ސަބަބުން ރައްޔިތުންނަށް ގަބޫލުކުރެވޭނީ ހަގީގަތެއް ނެތް ކަންތައްތަކެއް ކަމަށެވެ.
"ހަމަ ދޮގު ހަދަހަދައިފައި ފޭކު އޮންލައިން ނޫސްތަކުގައި މިކަހަލަ ވާހަކަ މި ލިޔަނީ ރަޖިސްޓްރީނުކޮށް. ދެން ފޭކު އެކައުންޓުތަކުން. ތި ހަސަން ކުރުސީއާ އަނެއް އެއްޗަކާއި ފާޑު ފާޑުގެ އެކައުންޓުތަކުން ހަދައިގެން އެކަހަލަ ވާހަކަތައް ފެތުރީމާ އާންމު ރައްޔިތުންނަށް ހީވެފައި މި އޮންނަނީ އެއީ ތެދެކޭ،" ރޮޒޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވާހަކަތައް ލިޔާއިރު އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ބެލުން ވެސް މުހިންމު ކަމަށެވެ. ދޮގު ވާހަކަ ފެތުރުން ހުއްޓުވުމަށް މަސައްކަތް ވެސް ނުކުރެވޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އެއާއެކު އޭނާ އެދިލެއްވީ އޭނާއާ ގުޅޭގޮތުން މިހާރު ފަތުރަމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށެވެ.
ޓުވިޓާގައި ސަރުކާރަށް ފާޑު ކިޔައި އެކި ބާވަތުގެ ޓުވީޓުތައް ކުރަމުންދާ އެކައުންޓު "ހަސަން ކުރުސީ"ގެ ފަހަތުގައި ވާ މީހަކު ނުވަތަ ބަޔަކު ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް މީގެ ކުރިން ނެރެފައިވެއެވެ. އަދި އެ އެކައުންޓުގެ ވެރި ފަރާތް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.