ރާއްޖޭގެ ޒަޔާނާއި ނަބާހާ ގަދަ 16އަށް

ރާއްޖޭގެ ޒަޔާނާއި ނަބާހާ -- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

މި އަހަރުގެ ސިޑްނީ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ، ހުސައިން ޒަޔާން ޝަހީދު ޒަކީއާއި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު ގަދަ 16 އިން ޖާގަ ހޯދައިފައެވެ.

އޮސްޓްރޭލިއާގައި ކުރިއަށްދާ ސިޑްނީ އިންޓަނޭޝަނަލް ސީރީސްގެ ގަދަ 16 އިން ޒަޔާނާއި ނަބާހާގެ ޕެއާ ޖާގަ ހޯދާފައިވަނީ ގަދަ 32ގައި އޮސްޓްރޭލިއާގެ ޒިންގް ހުއޯން އާއި ޕިޓްޗާޔާ އެލީސިއާގެ ޕެއާ ބަލިކޮށްގެންނެވެ.

އެ މެޗުން ޒަޔާނާއި ނަބާހާ މޮޅުވެފައިވަނީ ސީދާ ދެ ސެޓުންނެވެ. އެއީ، 17-21 އަދި 15-21 އިންނެވެ. ރާއްޖޭގެ ޕެއާއިން މިކްސް ޑަބަލްސްގެ ގަދަ 16ގައި ނުކުންނަން ޖެހޭނީ ޗައިނީސް ޓައިޕޭގެ ޗެން ޝެން އާއި ލިން ހީ ޔުންގެ ޕެއާއާ ދެކޮޅަށެވެ.

އެ މުބާރާތުގެ އަންހެން ސިންގަލްސްގެ ގަދަ 16ގައި ވެސް ރާއްޖޭގެ ނަބާހާ ވާދަކުރާނެއެވެ. ގަދަ 16ގެ ޖާގައެއް ނަބާހާ ކަށަވަރުކޮށްފައިވަނީ 2-1 ސެޓުން އޮސްޓްރޭލިއާގެ ޕަޔޭ ހުއޯ ބަލިކޮށްގެންނެވެ. ގަދަ 16ގައި ނަބާހާ ނުކުންނަން ޖެހޭނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ލިއާއާ ދެކޮޅަށެވެ.

ސިޑްނީ އިންޓަނޭޝަނަލް ސީރީސްގެ ގަދަ 16 އިން ޖާގަ ހޯދި ޒަޔާނާއި ނަބާހާ ވަނީ މި އަހަރު ރާއްޖޭގައި ބޭއްވި ލިނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ މިކްސް ޑަބަލްސް އިވެންޓުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެ މުބާރާތުގައި ވެސް ޒަޔާނާއި ނަބާހާ ގަދަ 16އަށް ދަތުރުކުރިއެވެ.

comment ކޮމެންޓް