ބްރެޒިލްގެ ހުނަރުވެރި ފޯވަޑް ނޭމާ ޖޫނިޔާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަން ކުރަން ނިންމައިފިއެވެ.
ނޭމާގެ ފަޔަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި ދެކުނު އެމެރިކާ ސަރަހައްދުގައި ބްރެޒިލް އާއި އުރުގުއާއީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި އޭނާ ބޯޅައަކަށް ޗެލެންޖުކުރަން ފުންމައިގެންފައި ބިންމައްޗަށް ތިރިވި ވަގުތު ފައިޖެހުނު ގޮތުން ފަޔަށް ވަނީ އަނިޔާވެފައެވެ. އެ ވަގުތު އޭނާއަށް ދަނޑުމަތީ ފަރުވާ ދިނުމަށް ފަހު އަނިޔާ މާސީރިއަސްކަން އެނގުމާ އެކު އޭނާ ބާލާފައިވަނީ އަށިގަނޑަށް ލައިގެންނެވެ.
މި މެޗުން ބްރެޒިލް ވަނީ 2 ލަނޑު 0 ލަނޑުން ބަލިވެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ދެވަނަ މަގާމު ވެސް މި ވަގުތަށް ގެެއްލިފައެވެ.
އިންސްޓަގްރާމްގައި ނޭމާ ހާމަކޮށްފައިވާ ގޮތުގައި މި ފަހަރު ލިބުނު އަނިޔާ ވަރަށް ބޮޑެވެ. އަދި މިއީ ވަރަށް ހިތާމަވެރި ވަގުތެއް ކަމަށް އޭނާ ބުންޏެވެ. އޭނާއަށް އޭނާގެ ހިތްވަރު އެބަހުރިކަން އެނގޭ ކަމަށާއި ނަމަވެސް މިފަހަރު މިކަމުން އަރައިގަތުމަށް އޭނާގެ އާއިލާ އާއި އެކުވެރިންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް ނޭމާ ބުންޏެވެ.
ނޭމާގެ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ ކިޔާ ދުވަހަކު ކަމެއް ނޭނގެއެވެ. ނަމަވެސް ގިނަ ފަހަރަށް މިފަދަ އަނިޔާ ތަކުގައި އަށް މަހާއި 10 މަހާއި ދޭތެރޭގެ މުއްދަތަކަށް ކުޅުންތެރިން ކުޅުމާއި ދުރުގައި ހޭދަކުރަން ޖެހެއެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ހާމަކުރި ގޮތުގައި ބްރެޒިލްގެ އިތުރުން ދުނިޔޭގެ ފުޓްބޯޅަ ވެސް ބޭނުންވަނީ ނޭމާ ގަދަވެ ސަލާމަތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށެވެ. އަދި، ނޭމާ ދަނޑުމަތީގައި ހުންނައިރު ފުޓުބޯޅައިގެ ދުނިޔެއަށް ލިބޭ ހިތްހަމަ ޖެހުން މާ ބޮޑު ކަމަށް އޭނާ ބުންޏެވެ.
ނޭމާއަށް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އަނިޔާގެ ގިނަ މައްސަލަތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ނޭމާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު އެނބުރި އައިތާ އަދި މިވީ އެންމެ ހަތަރު މަހެވެ.