މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑުގެ ބަދަލުގައި މިއަހަރުގެ ބެލޮންޑިއޯ އެވޯޑު ވެސް ކާމިޔާބުކުރާނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކަމަށް ހާލަންޑާއެކު ސިޓީއަށް ކުޅެމުންދާ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ބުނެފިއެވެ.
މިހާތަނަށް ހަތް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ މެސީއާ އެންމެ ބޮޑަށް މިއަހަރުގެ އެވޯޑަށް ވާދަކުރާ ދެ ކުޅުންތެރިންނަކީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފަރާންސް ތަރި ކިލިއަން އެމްބާޕޭ އާއި ސިޓީގެ ހާލަންޑެވެ. މިދިޔަ ސީޒަނުގައި ސިޓީއަށް ހާލަންޑު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ބެލޮންޑިއޯ އެވޯޑާ މެދު ރޮޑްރީ ދެކޭގޮތް ތަފާތެވެ.
"އަހަރެންނަށް ހީވަނީ މެސީ އެ އެވޯޑު ކާމިޔާބުކުރާނެ ކަމުގެ ބޮޑު ޔަގީންކަމެއް އޮތްހެން. ހާލަންޑުގެ އަދަދުތަކާއި ކާމިޔާބީތަކަށް ބަލާ ނަމަ، އޭނާއަށް ވެސް ފުރުސަތު އޮންނާނެ،" 'ކޯޕް'އަށް ދިން އިންޓަވިއުއެއްގައި ރޮޑްރީ ބުންޏެވެ.
މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް ރޮޑްރީ ނޮމިނޭޓުވީ ނަމަވެސް، އޭނާއަށް އެ އެވޯޑު ލިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ދެކެއެވެ. ރޮޑްރީ ބުނީ، އެއީ އިންޑިވިޖުއަލް އެވޯޑެއް ކަމުން، އެވޯޑު ހޯދުމަށް ބޭނުންވާ މާކެޓިންގެ މަސައްކަތް އޭނާގެ ފަރާތުން އުނިވާ ކަމަށާއި ސްޕެއިން ލެޖެންޑް ޒަވީ އަދި އަންދްރޭސް އިނިއެސްޓާ ފަދަ ގޮތަކަށް އެކަން ކުރެވިފައިނުވާ ކަމަށެވެ.
މިދިޔަ ސީޒަނުގައި އެމްބާޕޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވި ނަމަވެސް، އެމްބާޕޭ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައިފައެވެ. ދެން އެވޯޑަށް ވާދަކުރާ ހާލަންޑް، މެންޗެސްޓާ ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ގިނަ ރެކޯޑުތަކެއް މުގުރާލައިފައެވެ. އޭނާ ވަނީ ސިޓީއާއެކު މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
މެސީއަށް ބެލޮންޑިއޯ އެވޯޑު ލިބެން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދަނީ، ކެޕްޓަނެއްގެ ގޮތުގައި އޭނާ އާޖެންޓީނާއަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުންނެވެ. އެއީ 1986 ވަނަ އަހަރަށްފަހު، އާޖެންޓީނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ވޯލްޑް ކަޕް ތައްޓެވެ. އަދި އެއީ މެސީގެ ކެރިއަރުގައި ވެސް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.