ސަރުކާރު ބަދަލުވާން މަހެއް: ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން އަދިވެސް ކަނޑަނޭޅޭ

ވިނަރެސް ފްލެޓުތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ނިމެން މަސްދުވަހަކަށް ކުޑަތަން ވެފައިވާއިރު އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ މަޝްރޫއިން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް ތަރުތީބުކޮށް، ފުރަތަމަ 4000 ފްލެޓް ލިބޭ މީހުން އަދި ވެސް ކަނޑަނޭޅޭކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް އާންމުކުރީ ކަނޑައެޅިފައި އޮތް ތާރީޚަށްވުރެ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެ ލިސްޓު ގެދޮރުވެރިޔާ ޕޯޓަލްގައި އާންމުކުރީ މިދިޔަ މަހުގެ 26ގައެވެ.

މީގެ ކުރިން ވެސް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންވަނީ ފުރަތަމަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ކަމުގައި ފަހުގެ މަސައްކަތް ހިނގާގޮތް ހޯދުމަށް "ސަން"އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އަދިވެސް އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ނިމޭނެ ސީދާ ތާރީޚެއް ވިދާޅެއްނުވެއެވެ.

"ވަކި ތާރީޚެއް އަޅުގަނޑު ނުދަންނަވަން. ލިސްޓު ފައިނަލްކުރުމުގެ މަސައްކަތް ކުރަމުން މި އަންނަނީ،" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ފުރަތަމަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު ހާމަކުރާނެ ސީދާ ތާރީޚެއް އެއްވެސް މީޑިއާއަކަށް ވިދާޅުވެދެއްވައިފައިނުވާނެ ކަމަށެވެ.

މި ކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ބިޒްނަސް މެނޭޖްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހްމަދު ޝަމޫލް ވިދާޅުވީ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށަން މިނިސްޓްރީން ރަސްމީކޮށް ނާންގާ ކަމަށެވެ.

އެ މަަސައްކަތް ފަށާނީ މިނިސްޓްރީން ލިސްޓު ފައިނަލްކޮށް އެ ކޯޕަރޭޝަނާ ހަވާލުކުރުމުން ކަމަށް ޝަމޫލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަދޭ. ނިމިފައި ހުރި ތަންތަނުގެ ފިނިޝިންގެ މަސައްކަތް ވެސް ކުރެވެމުން އަންނަނީ،" ޝަމޫލް ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން 15،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ވަނީ ހަމަވެފައެވެ.

ޝަރުތުހަމަވީ އެންމެންނަށް ފުލެޓު ދޭން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމެވިއެވެ.

comment ކޮމެންޓް