މެސީ އެނބުރި އައިސް، ދެ ގޯލާއެކު އާޖެންޓީނާއަށް މޮޅެއް ހޯދައިދީފި

ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

އަނިޔާއަށްފަހު އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އެނބުރި އައިސް، ވޯލްޑް ކަޕް ކޮލިފައިންގައި ދެ ގޯލާއެކު ޕެރޫ އަތުން އާޖެންޓީނާއަށް މޮޅެއް ހޯދައިދީފިއެވެ.

ރަށުން ބޭރުގައި މިއަދު ފަތިހު ކުޅުނު ކޮލިފައިން މެޗުގައި ޕެރޫ އަތުން އާޖެންޓީނާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ފައިގެ އަނިޔާއަކަށްފަހު، ފުރަތަމަ 11ގައި ހިމެނިގެން މެސީ ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ކުރީކޮޅުގައި ވެސް މެސީގެ ނުރައްކާ ފެނިގެންދިޔައެވެ. ޕެރޫގެ ޑިފެންޑަރުންނަށް މެސީ ހުއްޓުވަން އުނދަގޫތަކެއް ކުރިމަތިވި އިރު، މެޗުގެ ކުރީކޮޅުގައި އޭނާއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާއެއް ޕެރޫ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، އޭނާ ޖެހި ހިލޭ ޖެހުމެއްގެ ހުރަހަކަށްވީ ޕެރޫގެ ކީޕަރު ޕެޑްރޯ ގަލޭސީއެވެ.

އާޖެންޓީނާގެ ދެ ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަަމަ ހާފުގެ ތެރޭގައެވެ. އެގޮތުން މެސީ ލީޑު ހޯދައިދިނީ މެޗުގެ 32 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލޭޒް ދިން ބޯޅައަކުންނެވެ. މެސީ އެ ގޯލު ކާމިޔާބުކުރީ ޕެރޫގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، މެސީ ވަނީ އާޖެންޓީނާއަށް ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ގޯލެކޭ އެއްގޮތަށް އެ ގޯލު ވެސް އޭނާ ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. އެ ގޯލަށް އެސިސްޓުކޮށްދިނީ އެންޒޯ ފެނާންޑޭޒެވެ.

މެޗުގެ ދެވަނަ ހާފުގައި ގޯލު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ޕެރޫއަށެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ޔޮޝިމާ ޔޮޓުން ނަގައިދިން ކޯނަރަކުން ރެނޭޓޯ ޓަޕިއާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އާޖެންޓީނާ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ ކުރީގައި އަދިވެސް އޮތީ އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާއެވެ. އެޓީމުން މިިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް، 12 ޕޮއިންޓް ވަނީ ހޯދައިފައެވެ. ދެވަނައިގައި އޮތް އުރުގުއާއީ، ތިންވަނައިގައި އޮތް ބްރެޒިލް އަދި ހަތަރުވަނައިގައި އޮތް ވެނެޒުއޭލާއަށް، އެއިން ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

comment ކޮމެންޓް