ޣައްޒާގެ މާބަނޑު އަންހެނުން ހަނގުރާމައިގެ މައިދާނުގައި، ތުއްތު ދަރިފުޅަށްޓަކައި ބިރުން

ސުންނާފަތިވެފައިވާ ސަރަހައްދަށް ބަލަހައްޓައިގެން ތިބި ފަލަސްތީނުގެ ދެ އަންހެނުން ފޮޓޯ:ސީއެންއެން

ފިރިހެން ދަރިފުޅު ކައިރީގައި ބާއްވާލައިގެން ނިދިފައި އޮތް، ޣައްޒާގެ ހުލޫދު ޚާލިދަށް ހޭލެވުނީ އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގެ އަޑަށެވެ. ކަޅު ދުމުން މުޅި ކޮޓަރި ތެރެ އިސާހިތަކު ފުރާލިއިރު، ނޭވާލާން އުނދަގޫވިއެވެ. ބަލިވެ އިންތާ އަށް މަސްވެފައިވާ ހުލޫދުގެ ބަނޑަށް ވެސް އެވަގުތު ތަދެއް އެރިއެވެ.

ނަމަވެސް އެއީ ވިހަން އެރި ތަދެއް ނޫންކަން ޔަގީންވެ، އޭގެ އަނެއް ދުވަހު 28 އަހަރުގެ ހުލޫދުއާއި ފިރިހެން ދަރިފުޅު ނުކުތީ ޣައްޒާ ސަރައްދުން ބޭރުވާށެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް ސިޓީއަށް ހުލޫދަށް ރައްކާތެރިކަމާއެކު ދެވުނު ނަމަވެސް ކާނެ ބޯނެ އެއްޗެއް ނެތެވެ. ކަރަންޓާއި ފެންވެސް ނުލިބޭ އެ ސަރަހައްދުން ހުލޫދުމެންނަށް ލިބެނީ ހަމައެކަނި ހިކި ބަނަސް ކޮޅެކެވެ. އެ ވެސް ޖެހިގެން އަންނަ ދުވަހު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ހުލޫދު ފަދައިން މާބަނޑު އެހެން އަންހެނެއް ކަމަށްވާ 28 އަހަރުގެ ނަރުދީން ފާރެސް އިނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ޣައްޒާގެ އުތުރުގައި ދިރިއުޅޭ އެއް މިލިއަނަށް ވުރެ ގިނަ މީހުން ދެކުނަށް ދިޔުމަށް ރަހުމުކުޑަ އިސްރާއީލްގެ އަސްކަރިއްޔާއިން އާންމުންނަށް އެންގުމުން ނަރުދީންވެސް ވަނީ އޭނާގެ ފިރިމީހާއާއެކު، އަލް ރިމާލް ސަރަހައްދުން ޚާން ޔޫނުސްއަށް ބަދަލުވެފައެވެ. ނަމަވެސް ވިހަން ދުވަސް ފުރެންކައިރިވެފައި އިން ނަރުދީން ބުނީ ކުރިއަށްއޮތް ތަނުގައި ވާނެގޮތް ނޭނގޭ ކަމަށެވެ.

ޣައްޒާގެ ދެބައިކުޅަ އެއްބައި މީހުން މިހާރުވެސް ޚާން ޔޫނުސްގައި ތިބިއިރު، ނަރުދީން މިހާރު ހުރީ ހަ ކޮޓަރީގެ ގެއެއްގައި 80 މީހުންނާއެކުގައެވެ. ނަރުދީން މިހާރު އެންމެ ކަންބޮޑު ވަނީ ޚާން ޔޫނުސްގައި ހުރި ހޮސްޕިޓަލްތަކުން އޭނާއަށް އެކަށީގެންވާ ފަރުވާއެއް ނުލިބޭނެތީއެވެ.

ނަރުދީން އާއި ފިރިމީހާ -- ފޮޓޯ/ ސީއެންއެން

ނަރުދީނާއި ހުލޫދާ ޚިލާފަށް، ބަނޑަށް ހަތް މަސްވެފައިވާ މޯނާ އަޝްހޯރު އަދިވެސް އިނީ ބޮންތަކާއި ހަމަލާތައް ވަރުގަދައަށް ދެމުންދާ ޣައްޒާގެ އުތުރުގެ ސަރަހައްދެއްގައެވެ. މޯނާއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ ދެކުނަށް ދިޔުމުގެ މާލީ ތަނަސްވަސްކަމެއް އޭނާގެ އާއިލާއަކު ނެތެވެ. ހަތަރު މީހުންގެ އެ އާއިލާއިން އެ ދަތުރުކުރި ނަމަވެސް ޚާން ޔޫނުސްއަށް ގޮސް ތިބޭނެ ތަނެއް ނެތެވެ.

ފެނާއި ކަރަންޓު ކަނޑާލާފައިވާ އެ ސަރަހައްދުގައި، މޯނާ ވަނީ މާބަނޑުވުމުން ނަގަންޖެހޭ އެކި ކަހަލަ ނިއުޓްރިޝަނަލް ސަޕްލެމެންޓްތައް ނެގުން މަދުކޮށްފައެވެ. މިކަމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުށް ނޭދެވޭ އަސަރު ކުރާނެކަން އެނގި އެކަމާ ހާސްވާ ކަމަށްވެސް މޯނާ ބުނެއެވެ. ނަމަވެސް ހަމަލާތަކާ ހެދި އޭނާގެ ފިރިމީހާއަށް އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން ނިއުޓްރިޝަނަލް ސަޕްލެމެންޓް ގަނެވޭނެ ގޮތެއް ވެސް ނެތެވެ.

މުޅި ޣައްޒާ ސަރަހައްދުގެ ސިއްހީ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ ހަފުތާގައި ވަނީ އިންޒާރުދީފައެވެ. އަދި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ތުއްތު ކުދިންނަށާއި، ފުރާނަ ސަލާމަތް ކުރެވޭ ވަރުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ މީހުންގެ އިތުރުން ޒަހަމްވެގެން ހޮސްޕިޓަލްތަކަށް ގެންދަން ޖެހޭ މީހުންނަށް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އދ.ގެ އާބާދީއާބެހޭ ފަންޑު، ޔޫއެންއެފްޕީއޭއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގައި ތިބި މާބަނޑު އަންހެނުންގެ އަދަދު މިހާރު 50,000އަށް އަރައެވެ. އޭގެތެރެއިން 10 އިންސައްތަ މީހުންނަކީ އަންނަ މަހު ވިހަން ތައްޔާރުވެފައި ތިބި މީހުންނެވެ.

އިސްރާއީލްގެ އަނިޔާވެރިކަން ތަހައްމަލް ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ވަނީ ކުރިއަށް ވުރެ ނުރައްކާތެރި ހަމަލާތަކަކާ ކުރިމަތިލާންޖެހިފައެވެ.

އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، ހަތް ވަނަ ދުވަހާއި 12 ވަނަ ދުވަހާ ދެމެދު އެކަނި ވެސް ޣައްޒާއަށް 6،000 ބޮން އަޅާފައިވެއެވެ. އެއީ 2014 ވަނަ އަހަރު 50 ދުވަހަށް ދެމިގެން ދިޔަ ހަމަލާތަކުގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކާ އެއްވަރުގެ އަދަދެކެވެ.

ޣައްޒާއަށް ފެނާއި ކަރަންޓު އަދި ކާބޯތަކެތިވެސް ލިބޭނެ މަގުތައް އިސްރާއީލުން މިހާރު އޮތީ ބަންދުކޮށްފައެވެ.

ޣައްޒާގެ ދެކުނު ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުން އަންގާފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެހެން ހިސާބުތަކަށް ދަތުރުކުރަމުންނެވެ. ނަމަވެސް ބަލި މީހުންނަށާއި މުސްކުޅީން އަދި މާބަޑު އަންހެނުންނަށް މިއީ ދަތިކަމެކެވެ.

comment ކޮމެންޓް