ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯއަށް ސައުދީ ޕްރޯ ލީގުގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ހުށަހެޅުން މޮރީނިއޯއަށް ހުށަހަޅާފައިވަނީ ރޯމާއާ އެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވުމުން، އަންނަ އަހަރު އެ ކްލަބާ ގުޅޭގޮތަށެވެ. މޮރީނިއޯއަށް ހުށަހަޅާފައިވަނީ 104 މިލިއަން ޕައުންޑު (127 މިލިއަން ޑޮލަރު)ގެ ކޮންޓްރެކްޓެއް ކަމަށް ރިޕޯޓުތައް ބުނެފައިވީ ނަމަވެސް، ސައުދީގެ އެ ކްލަބަކީ ކޮބައިކަމެއް ކަށަވަރެއް ނުވެއެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ރޯމާއާ އެކު މި ސީޒަނުގެ ނިޔަލަށް މޮރީނިއޯގެ ކޮންޓްރެކްޓު ހަމަވާ އިރު، އެ ކްލަބާ އެކު ކޮންޓްރެކްޓު އާކުރުމުގެ މަޝްވަރާތަކެއް ކުރިއަކަށް ނުދެއެވެ. އެހެންކަމުން ރޯމާގެ ކޮންޓްރެކްޓު ހަމަވުމާ އެކު ސައުދީގެ ކްލަބަކުން މޮރީނިއޯ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެ ކުރިން މޮރީނިއޯ ވެސް ބުނެފައިވާ ގޮތުގައި ސައުދީގައި މަސައްކަތްކުރަން އޭނާ ބޭނުންވެއެވެ. ސައުދީ ފުޓުބޯޅައިގެ ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށާއި އެ ގައުމުގެ ފުޓުބޯޅައަށް އައިސްފައިވާ ބަދަލުތައް ބަލަން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.
މޮރީނިއޯ ސައުދީގެ ކްލަބަކާ ގުޅިއްޖެ ނަމަ، ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ތަރިންތަކާ އެކު ސައުދީ ޕްރޯ ލީގުން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗު ވެސް ފެނިގެންދާނެއެވެ.