އަލް ހިލާލްގެ ބްރެޒިލް ތަރި ނޭމާ ހިމެނެނީ ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ކަމަށް ބްރެޒިލް ގައުމީ ޓީމުގެ ކޯޗު ފެނާންޑޯ ޑިނިޒް ބުނެފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ހުކުރު ދުވަހު ވެނެޒުއޭލާއާ ދެކޮޅަށް ކުޅެ، 1-1ގެ ނަތީޖާއަކުން ބްރެޒިލް އެއްވަރުވި މެޗުގައި ބްރެޒިލްގެ ސަޕޯޓަރުންގެ އުނދަގޫތަކަކާ ނޭމާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެ މެޗުގައި ބްރެޒިލަށް ގެބްރިއެލް މަގަލްހައޭސް ކާމިޔާބުކޮށްދިން ގޯލަށް އެސިސްޓު ކޮށްދީފައިވަނީ އުމުރުން 31 އަހަރުގެ ނޭމާއެވެ.
އެ މެޗުގެ ތެރެއިން ސަޕޯޓަރުން ނޭމާއަށް ފާޑުކިޔުމުގެ ގޮތުން އެކި ބަސްތައް ރައްދުކުރަމުންދިޔަ އިރު، ސަޕޯޓަރަކު ވަނީ ނޭމާއާ ދިމާއަށް ޕޮޕްކޯން ފޮއްޓެއް ވެސް އެއްލައިފައެވެ. މެޗުގެ ކުރިން ވިނީޝިއަސް ޖޫނިއާ އަދި ރިޗާލިސަންއާއެކު ނޭމާ ޕާޓީކުރި ކަމަށް ވެސް ބައެއް ސަޕޯޓަރުން ތުހުމަތުކުރެއެވެ. ނޭމާއަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބްރެޒިލްގެ ކޯޗު ޑިނިޒް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކައިފައެވެ.
"ދުނިޔޭގެ އެއްވެސް ކޯޗަކު ނޭމާއަށް ކޯޗުކޮށްދިނުމަށް ފަހަތަކަށް ނުޖެހޭނެ. އޭނާއަކީ ކާމިޔާބީ ހޯދުމަށް އިންތިހާއަށް މަސައްކަތްކުރާ ކުޅުންތެރިއެއް. ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ނޭމާ ރަނގަޅު ކުޅުމެއް ދެއްކި، އެސިސްޓެއް ވެސް ހެދި. ނޭމާ ހިމެނެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި،" ނޫސްވެރިންނާ ވާހަކަދައްކަމުން ޑިނިޒް ބުންޏެވެ.
މިވަގުތު ނޭމާއަކީ ބްރެޒިލް ގައުމީ ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. ބްރެޒިލް ލެޖެންޑް ޕެލޭ ދަމަހައްޓަމުންދިޔަ އެ ރެކޯޑު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނޭމާ މުގުރާލާފައިވަނީ 125 މެޗުން 79 ގޯލު ޖަހައިގެންނެވެ.
ނޭމާގެ ފެންވަރުގެ ވާހަކަދައްކަމުން ބްރެޒިލް ކޯޗު ޑިނިޒް ބުނީ ނޭމާއަކީ ފޯވަޑެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ހުނަރެއް ހުރި ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ގޯލު ޖަހައި، އެސިސްޓުތަކެއް ވެސް ހަދަމުންދާ ކުޅުންތެރިއެއް ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން ދެން ނުކުންނަން ޖެހޭނީ އުރުގުއާއީ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މާދަމާ ފަތިހު 5:00 ގައެވެ.