ދިވެހި ބަހާއި ސަގާފަތާއި ތަރިކައަށް އިސްކަން ދިނުމަށް ޚާއްސަ ވުޒާރާއެއް ބިނާކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މިއަދު އިލްމުވެރިންނާއި އުސްތާޒުންނާ އެކު މީރުމާ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެ ވުޒާރާ ވެގެންދާނީ ރާއްޖޭގެ އަމިއްލަވަންތަކަން އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ވުޒާރާއަކަށް ކަމުގައެވެ. އަދި، މީގެ ކުރިން ދުވަހަކު ވެސް ދިވެހި ބަހާއި އިސްލާމް ދީނާއި ސަގާފަތާ އާދަކާދައަށް އިސްކަން ނުދޭ މިންވަރަށް އެ މަނިކުފާނުގެ ވެރިކަމުގައި އިސްކަން ދޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ކެމްޕެއިން ތެރޭ ވެސް ވަކި މާއްދާއެއް ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭނެކަމަށް ބުނި ވާހަކަ ޑރ. މުއިއްޒު މިއަދު ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.
"ހަގީގީ މާނައިގައި އެކަން ކުރެވިއްޖެނަމަ ވެގެންދާނީ ވަރަށް ބޮޑު އިންވެސްޓްމަންޓަކަށް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ކެމްޕެއިންގައި ދެންނެވި ފަދައިން އަދި މެނިފެސްޓޯގައި ވެސް އޮތް ފަދައިން ނެޝަނަލް ރިސާޗް ފަންޑެއް ގާއިމް ކުރައްވާނެ ކަމަށެވެ. މިކަން ކުރާނީ ބަޖެޓުގައި ހިމަނައިގެން ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
"އެއީ ބޭނުން ދާއިރާއަކުން ރިސާޗު ކުރުމަށް. ހަމައެކަނި ދީނީ ދާއިރާއަކުން ނޫން. އެކި ފަންނުތަކުގައި ދިރާސާކޮށްގެން ރާއްޖެއަށް ބޭނުންވާ މުހިންމު ސޮލިއުޝަންތައް އެކި ކަންކަމުގައި އިލްމީ ގޮތުން ކުރިއަށް ދިއުމުގައި މުޖުތަމައު މުއްސަނދި ކުރުމަށް ފައިސާ ޚަރަދު ކޮށްގެން، މި ފަންޑުން ކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭރުން ދީނީ ދާއިރާތަކުންނާއި އަދަބީ ދާއިރާތަކުން އަދި ގައުމިއްޔަތުގެ އެކި ދާއިރާތަކުން ވެސް ރިސާޗު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މިދިޔަ މަހު 30ގައި އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 54 އިންސައްތަ ވޯޓު ހޯއްދެވި މުއިއްޒު ހުވާ ކުރެއްވުން އޮންނާނީ ނޮވެމްބަރު 17ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. މިހާރު ކުރިއަށް ދަނީ ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ މަސައްކަތްތަކެވެ.