ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރު ފޮތެއް ލިޔުއްވައި މިއަދު ނެރުއްވައިފިއެވެ.
"ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" ފޮތަކީ މިއީ ދިވެހި ބަހުން ފަސޭހައިން ދޭހަވާނެ ގޮތަށް ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތަކީ މަހާޒް ލިޔުއްވަން ފައްޓަވާފައިވާ ތަފްސީރުގެ ފުރަތަމަ ވޮލިއުމެވެ.
މަހާޒްގެ ބްލޮގްގައި މި ފޮތާ ބެހޭގޮތުން ވިދާޅުވީ އެންމެ ފުރަތަމަ މި ތަފްސީރު ލިޔަން ފެށީ 2016 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އޭޑީކޭ ހޮސްޕިޓަލުގައި އިނދެ ކަމަށެވެ.
"ހަނދާންވާ ގޮތުން އެ ހޮސްޕިޓަލުގެ 407 ވަނަ ކޮޓަރީގައި އިނދެއެވެ. ފުރަތަމަ ލިޔަން ފެށީ ސޫރަތުއް ނަބައުގެ ތަފްސީރެވެ. އެ ފެށުނު ގޮތަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި 28 ވަނަ ފޮތާއި، 29 ވަނަ ފޮތާއި 30 ވަނަ ފޮތް ލިޔެ ނިމުނެވެ. ދެން ފެށީ ކީރިތި ޤުރުއާނުގެ ކުރީ ކޮޅުންނެވެ،" އެ ފޮތާ ބެހޭގޮތުން މަހާޒް ވިދާޅުވިއެވެ.
މަހާޒް ވިދާޅުވީ 10 ވަނަ ފޮތާ ހަމައަށް ހިމެނޭ ވޮލިއުމް ދޭއް، އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ކަމަށާއި ތިން ވަނަ ވޮލިއުމް ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެގޮތުން މުޅި ގުރުއާން ބަހާލާފައި ވަނީ ހަ ވޮލިއުމަކަށެވެ.
މަހާޒް ވިދާޅުވި ގޮތުގައި މި ފޮތް ލިޔުއްވާފައިވަނީ ކޮންމެ އާޔަތެއް ވެސް، އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެނެނެވެ. އެގޮތުން މި ފޮތުގައި ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ އިބާރާތް ބޭނުން ކޮށްފައިވާ ކަމަށް މަހާޒް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" ފޮތް--
ލިޔުމުގައި ދެތިން ތަންކޮޅެއްގައި ނޫނީ މުޅިން ވެސް ބޭނުން ކުރެއްވީ ތާނަ އަކުރުކަން ފާހަގަކުރައްވާ މަހާޒް ވިދާޅުވީ އަރަބި ލަފުޒުތައް ލިޔުއްވީ ތިކިޖެހި ތާނައިން ކަމަށެވެ. މިއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުންކުރުމުގެ ފަސޭހަ އާއި ދިވެހިބަހަށް އިސްކަން ދިނުމުގެގޮތުން ކަމަށް މަހާޒް ވިދާޅުވިއެވެ.
"ކީރިތި ޤުރުއާނުގެ ތަފްސީރެއް ލިޔުމަކީ ދުށް ހުވަފެނެއް ނޫނެވެ. އުންމީދު ކުރިކަމެއް ވެސް ނޫނެވެ. މި މަސައްކަތް ފެށުނީ، 2015 ވަނަ އަހަރު އަޅުގަނޑުގެ ކޮއްކޮ ނިހާޒު ނެރުނު"ގުރުއާން އެމްވީ" މޮބައިލް އެޕްލިކޭޝަނެއްގެ ސަބަބުންނެވެ،" ފޮތް ލިޔުމުގެ ޚިޔާލު އެންމެ ފުރަތަމަ އައި ގޮތާ ގުޅިގެން މަހާޒް ވިދާޅުވިއެވެ.
ކޮއްކޮ ނިހާޒް އަލީ ނެރުއްވި ގުރުއާންގެ ތަރުޖަމާގެ މޮބައިލް އެޕްލިކޭޝަނަށް ފަހު، އެއާ މެދު ތަފާތު ހިޔާލުތަކާއި ޝަކުވާތައް އާއްމުންގެ ފަރާތުން ލިބުނު ކަމަށާއި އެ ތަރުޖަމާގައި ހުރި އެކި ކަހަލަ އައިބުތައް ފާހަގަވެ، އެ އިސްލާހުކޮށް މުރާޖައާ ކުރުމުގެ ހިޔާލު ލިިބިވަޑައިގެންނެވި ކަމަށް މަހާޒް ވިދާޅުވިއެވެ.
މަހާޒް ވިދާޅުވީ ގުރުއާނަކީ ހަމައެކަނި ލަފްޒީ ތަރުޖަމާއަކުން ފުއްދާލެވޭނެ އެއްޗެއް ނޫން ކަމުގައި ވިސްނިވަޑައިގެން، އާޔަތްތަކުގެ މާނަ ގެނެސްދިނުމުގައި، އެ އާޔަތުގެ ތަފްސީރު ގެނައުމަކީ މުހިއްމުކަމެއްކަން އިހުސާސްވެ ވަޑައިގެން އެކަން ކުރަން ފެށުނީ ކަމަށެވެ.
"މި ސަބަބުތަކާ ހުރެ ލިޔަން ފަށާނީ ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރެއް ކަމުގައި ނިންމީމެވެ." މަހާޒް، އޭނާގެ ބްލޮގްގައި ލިޔުއްވިއެވެ.
މިފޮތް މިވަގުތު ނޮވެލްޓީ ބުކްޝޮޕުން 390/- އަށް ލިބެން އެބަހުއްޓެވެ.