އަހަރެން ވަކިވުމުން އެމެރިކާ މީހުން ބަލަން ފެށީ ބޭސްބޯލް: އިބްރަހިމޮވިޗް

ސްވިޑަން ލެޖެންޑް އިބްރަހިމޮވިޗް، އެލްއޭ ގެލެކްސީގެ ޖާޒީގައި -- ފޮޓޯ/ ގެޓީ

މާޖޭ ލީގު ސޮކާ (އެމްއެލްއެސް)އާ އޭނާ ދުރަށް ދިއުމުން އެމެރިކާގެ ރައްޔިތުން ބަލަން ފެށީ ބޭސްބޯލް ކަމަށް ސްވިޑެންގެ ފުޓުބޯޅަ ލެޖެންޑް ޒްލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

އިބްރިމޮވިޗް ވަނީ އެމެރިކާގެ އެލްއޭ ގެލެކްސީގެ ކުޅުންތެރިއެއްގެ ގޮތުގައި 2018 އިން 2019 އަށް އެމްއެލްއެސްގައި ދެ ސީޒަނެއް ކުޅެފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ 58 މެޗުން 53 ގޯލު ކާމިޔާބުކޮށްފައެވެ.

އިބްރަހިމޮވިޗަށް ފަހު، އެންމެ ވަރުގަދަ ތަރިއަކަށް އެމްއެލްއެސްއަށް ދެން ގެންގޮސްފައިވަނީ ހަތް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. މިސީޒަނުގައި އިންޓަ މަޔާމީއާ މެސީ ގުޅުމާއެކު މެޗުތައް ބެލުމަށް ޓިކެޓުތަކުގެ އަގުތައް ވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އެ ޓްރާންސްފާއާ ގުޅޭގޮތުން އިބްރަހިމޮވިޗް ވެސް ވަނީ ވާހަކަދައްކައިފައެވެ.

"އެމެރިކާ ރައްޔިތުންނާ މެދު އަހަރެން އުފާކުރަން. އެމީހުންނަށް އަލުން ފުޓުބޯޅަ ބަލަން ފެށޭނެ. އަހަރެން އެމްއެލްއެސްއާ ދުރަށް ދިއުމުން އެމީހުން ބަލަން ފަށާފައިވަނީ ބޭސްބޯލް،" ނޫސްވެރިޔާ ލުއިޖީ ގާލަންޑޯއަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުންޏެވެ.

މިދިޔަ އަހަރު "އީއެސްޕީއެން"އަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުނެފައިވާ ގޮތުގައި އެމްއެލްއެސްގައި ފެންނާނެ އެންމެ މޮޅު ކުޅުންތެރިޔަކީ އޭނާއެވެ. އަދި އެ ލީގުގައި ކުޅުނު އިރުވެސް މޮޅު ކުޅުމެއް ދައްކާފައިވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"މުޅި ލީގަށް ވެސް އަހަރެން މާ މޮޅު. އެއީ އަހަރެން ދެއްކި ކަމަކީވެސް. އަދި އެމްއެލްއެސްގެ ތާރީހުގައި ކުޅޭނެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވާނީވެސް އަހަރެން،" އޭނާ ބުނެފައިވެއެވެ.

މިދިޔަ ސީޒަނަށްފަހު ރިޓަޔާކޮށްފައިވާ އިބްރަހިމޮވިޗް އެހެން ބުނެފައިވީ ނަމަވެސް، އަނިޔާގެ ސަބަބުން ކުޅުނު މަދު މެޗުތަކުގައި ވެސް ދެއްކި މޮޅު ކުޅުމާއެކު މިހާރު މެސީ ފާހަގަވެގެން ގޮސްފައިވަނީ އެމްއެލްއެސްގެ ވެސް "ގޯޓް" އަށެވެ.

comment ކޮމެންޓް