މުޅި ރާއްޖޭގައި ބޭނުން ކުރާ އާރްޓީއެލްގެ ހުރިހާ ޚިދުމަތަކަށް މިހާރު، ކޮންޓެކްޓްލެސް މާސްޓާ ކާޑު އަދި ވިސާ ކާޑުން ޓަޗް އެންޑް ގޯގެ އެހީގައި ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި ޚިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް ވިދާޅުވީ މި ޚިދުމަތަކީ ރާއްޖެތެރޭގައި ވެސް އާރްޓީއެލްގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ޚިދުމަތެއް ކަމަށެވެ.
އެ ގޮތުން މިހާރު އައްޑޫ ސިޓީ، ފުވަމުލަށް ސިޓީ އަދި ލ ގެ އާރްޓީއެލްގެ ޚިދުމަތްދޭ ހުރިހާ ތަނެއްގައިވެސް މި ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މި ޚިދުމަތް އެމްޓީސީސީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދެނީ ބީއެމްއެލް އާ ގުޅިގެން ކަމަށެވެ.
ކޮންޓެކްޓްލެސް ކާޑަކީ ފައިސާ ކަނޑާ މެޝިނުގައި ޖައްސާލުމާއެކު ފައިސާގެ މުއާމަލާތް ކުރެވޭ ކާޑެވެ.
އެމްޓީސީސީން ބުނީ ޓަޗް އެންޑް ގޯގެ ޚިދުމަތުގެ އިތުރުން، އިތުރު ފީޗާސް ތަކެއް އެޕަށް ވެސް މިއަދު ގެނެވޭ ކަމަށެވެ. އެގޮތުން އާރްޓީއެލް ފެރީގެ ނިޒާމު ބޭނުން ކުރާ ފަރާތްތަކަށް މިހާރު ދަތުރުގެ ތާރީޚު ބަދަކު ކޮށްލަން ބޭނުންވާނަމަ އެ ފުރުސަތު އެބައޮތް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރަށް ރިފަންޑު ޕްރޮސެސް ވެސް ފަސޭހަވާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
މި ޚިދުމަތްތަށް މިހާރު އެޕް ބޭނުން ކުރާ ފަރާތްތަކުން އަޕްޑޭޓް ކޮށްލުމުން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީން އަލަށް ތައާރަފް ކުރި ޚިދުމަތްތަށް އިފްތިތާހު ކރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ ހުސެއިން އާއިޝް އަޝްރަފް
އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ދަތުރުކުރަން ބޭނުންވާ ތާރީޚް ބަދަލު ނުކުރެވުމަކީ ވެސް އޭރު އޮތް ވަރަށްބޮޑު ޝަކުވާ އެއް ކަމަށެވެ.
"މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އެ މަައްސަލަ އަށް ހައްލު ލިބިގެން ދިޔައީ. ކުރިން ނަމަ ދަތުރެއް ކުރަން ބޭނުން ނުވެއްޖެ ނަމަ ނުވަތަ ލަސް ކޮށްލަން ބޭނުންވިޔަސް ރިފަންޑަކަށް އެކަނި އެދެވެނީ. މި ގެނެވުނު ބަދަލާއެކު ވަކި އުސޫލެއްގެ ތެރެއިން ވަކި ގަޑިއެއްގެ ތެރޭގަ އެގޮތަށް ތާރީޚް ބަދަލު ކޮށްލެވޭނެ" އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ ބީއެމްއެލް ނޫން އެހެން ބޭންކަކުން ދޫކޮށްފައި ވާ މާސްޓާކާޑެއް ނުވަތަ ވިސާ ކާޑެއް ނަމަވެސް އެ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އެމްވީ ކާޑެއް ނަމަ އެ ކާޑު ބޭނުން ކޮށްގެން އާރްޓީއެލް އަތޮޅުތެރޭގެ އާންމު ބަހުގެ ޚިދުމަތަށް ޓިކެޓު ގަނެވޭނެ ކަމަށެވެ.