މެސީ ނެތުމަކީ އަބަދު ވެސް މާޔޫސްކަމެއް، އޭނާ ބޭނުންވާނެ: ޑި ޕޯލް

އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އާއި ރޮޑްރިގޯ ޑި ޕޯލް -- ފޮޓޯ/ ގެޓީ

ކެޕްޓަން ލިއޮނެލް މެސީއަށް ނުކުޅެވޭ ނަމަ، އެއީ އަބަދުވެސް މާޔޫސްކަމެއް ކަމަށާއި އޭނާއާއެކު ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށް އާޖެންޓީނާގެ ރޮޑްރިގޯ ޑި ޕޯލް ބުނެފިއެވެ.

މެސީ ވަނީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހޭދަކޮށްފައެވެ. ނަމަވެސް އެ އަނިޔާއަށްފަހު، ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 1-0ގެ ނަތީޖާއަކުން ޕެރަގުއޭ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ފެނިގެންދިޔައެވެ.

އެ މެޗުގެ ކުރިން މިިދިޔަ މަހުގެ 13 ވަނަ ދުވަހު ބޮލީވިއާއާ ދެކޮޅަށް ކުޅެ، 3-0ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވި މެޗުގައި ވެސް އާޖެންޓީނާ ބެންޗުން މެސީ ފެނިގެންދިޔައެވެ. ނަމަވެސް އޭރު މެސީ އަނިޔާގައި ހުރުމުން އޭނާ ބޭނުންކޮށްފައެއް ނުވެއެވެ. ރޭގެ މޮޅަށްފަހު، ޑި ޕޯލް ބުނެފައިވާ ގޮތުގައި މެސީ އެނބުރި އައުމަކީ ބޮޑު އުފަލެކެވެ.

"އަހަރެމެން ކިތަންމެ ރަނގަޅަށް ކުޅުނު ނަމަވެސް، މެސީ ނެތް ނަމަ، އެއީ މާޔޫސްކަމެއް. އަހަރެމެން އަބަދުވެސް އޭނާ ބޭނުންވާނެ. އޭނާއާއެކު ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. އަހަރެން އުންމީދުކުރަނީ ކުރިއަށް ހުރި މެޗުތަކުން މެސީގެ ފުރިހަމަ ބޭނުން ހިފޭނެ ކަމަށް،" ޑި ޕޯލް ބުންޏެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި އާޖެންޓީނާ އޮތީ ތާވަލުގެ އެންމެ ކުރީގައެވެ. އާޖެންޓީނާ އާއި ދެވަނައިގައި އޮތް ވާދަވެރި ބްރެޒިލްއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އާޖެންޓީނާ އިން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ އިރު، ބްރެޒިލް ވަނީ އެއް މެޗުން އެއްވަރުވެފައެވެ.

ވޯލްޑް ކަޕް ޗެމްޕިއަން، އާޖެންޓީނާ އިން ކޮލިފައިންގައި ދެން ނުކުންނަން ޖެހޭނީ ޕެރޫއާ ދެކޮޅަށެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗަށް އާޖެންޓީނާ ނުކުންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

comment ކޮމެންޓް