ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާއިން އޮސްޓްރޭލިއާ ބަލިކޮށްފި

އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު ދެކުނު އެފްރިކާއިން ކާމިޔާބުކޮށްފިއެވެ.

މި މެޗު ވެގެންދިޔައީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް އޮސްޓްރޭލިއާ އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗަށެވެ. ލަކްނޯގައި ކުޅުނު މި މެޗު ދެކުނު އެފްރިކާއިން ކާމިޔާބު ކުރީ 13 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މި ގޮތުން ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 311 ލަނޑު ހެދިއެވެ. ދެކުނު އެފްރިކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 109 ލަނޑު ހަދައިދިން ކުއިންޓަން ޑި ކޮކްއެވެ. މިއީ އޭނާ މި ފަހަރުގެ ވޯލްޑްް ކަޕްގައި ހެދި ދެވަނަ ސެންޗަރީއެވެ. މިއާ އެކު އޭނާ ވެފައިވަނީ ދެކުނު އެފްރިކާއަށް ނިސްބަތްވާ އެހެން ކުޅުންތެރިއެއް ކަމަށްވާ އޭބީ ޑި ވިލިއާސްއާ އެކު ވޯލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗުގައި ދެ ސެންޗަރީ ހެދި ދެވަނަ ކުޅުންތެރިއާއަށެވެ.

މީގެ އިތުރުން އައިޑެން މާކްރަމްވަނީ މި މެޗުގައި 56 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ނުވަ އޯވަރު 53 ލަނޑަށް ދެ ވިކެޓް ނަގައިދިން މައިކަލް ސްޓާކް އާއި 10 އޯވަރު 34 ލަނޑަށް ދެ ވިކެޓް ނަގައިދިން ގްލެން މެކްސްވެލްއެވެ.

ޖަވާބުގައި ކުޅެން އަރާ އޮސްޓްރޭލިއާއަށް 40 އޯވަރު ފަސް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވީ 177 ލަނޑަށެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 46 ލަނޑު ހަދައިދިން މާނުސް ލަބުޝަގްނާއެވެ.

މިއީ އޮސްޓްރޭލިއާގެ ކްރިކެޓް ތާރީޚުގައި ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު ވަނީ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެވެ.

އޮސްޓްރޭލިއާ ދެން ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާއާއެވެ. އަދި، ދެކުނު އެފްރިކާ އަންގާރަ ދުވަހު ނުކުންނާނީ ނެދަލަންޑްސް އާ ދެކޮޅަށެވެ.

comment ކޮމެންޓް