ޖޭއެސްސީގައި ސިޔާސީ މީހަކު ހުރެގެން ނުވާނެ: ޑރ. މުއިއްޒު

ސޯޝަލް ސެންޓަރުުގައި އޮތް ބޮޑު އެއްވުމެއްގައި ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މާހިލް އާތިފް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލަންވާނީ އެއްވެސް ސިޔާސީ މީހަކު އެ ކޮމިޝަންގައި ނުހިމެނޭ ގޮތަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރޭ ޑރ. މުއިއްޒު ވިދާޅުވީ، އެ ކޮމިޝަންގައި ތިއްބަވަން ޖެހޭނީ ޖުޑީޝަލް ދާއިރާގެ ބޭފުޅުން ކަމަށެވެ. އޭގެ ތެރޭގައި ރިޓައާ ކޮށްފައި ތިބި ޖަޖުން ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް މަގާމެއްގެ ސަބަބުން ލިބޭ ޕޮޒިޝަނަކަށް ޖޭއެސްސީގެ މެމްބަރުކަން ވެގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެންނާނީ އެ ވިސްނުންފުޅުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އަމާޒަކީ، ޖޭއެސްސީއަކީ ހަގީގީ މާނައިގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މިހާރު އޮތް ބިލަށް ގެންނަން ޖެހޭ ބަދަލުތަކެއް އޮތްކަމުގައި ވާނަމަ ގެނައުން އަޅުގަނޑުގެ ވިސްނުމަކީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތުގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  • ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  • ހައިކޯޓުގެ ފަނޑިޔާރެއް
  • ދަށު ކޯޓެއްގެ ފަނޑިޔާރެއް
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
  • ސިވިލްސާވިސް ކޮމިޝަނުގެ ރައީސް
  • އެޓާނީ ޖެނެރަލް
  • ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް

ސަރުކާރުން ޖޭއެސްސީ އިސްލާހު ކުރުމުމުގެ ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ކޮމިޝަން މިހާރު އެކުލަވާލެވިފައިވާ ގޮތުން ކޮންމެ ސަރުކާރަކުން ވެސް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވަމުންދާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ.

comment ކޮމެންޓް