އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް މި އަހަރުގެ ބެލޮންޑިއޯ އެވޯޑު ހައްގު ނޫން ކަމަށް ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު އެޑްރިއެން ރަބިއޯ ބުނެފިއެވެ.
މިހާތަނަށް ހަތް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ މެސީއާ އެންމެ ބޮޑަށް މި އަހަރުގެ އެވޯޑަށް ވާދަކުރާ ދެ ކުޅުންތެރިންނަކީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފަރާންސް ތަރި ކިލިއަން އެމްބާޕޭ އާއި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑެވެ. ރަބިއޯ ދެކޭގޮތުގައި މި ފަހަރުގެ ބެލޮންޑިއޯ ލިބެން ޖެހޭނީ އެމްބާޕޭ ނުވަތަ ހާލަންޑަށެވެ.
"ބެލޮންޑިއޯ އެވޯޑު މެސީއަށް ލިބޭނެ ކަމަށް ގިނަ ބަޔަކު ވާހަކަދައްކާތީ އެ ވާހަކަތައް އަޑު އިވޭ. އެކަމަކު ކުޅުމަށް ބަލާ ނަމަ، އެވޯޑު ހައްގުވަނީ އެމްބާޕޭ ނުވަތަ ހާލަންޑަށް. އެ ދެ ކުޅުންތެރިންގެ ތެރެއިން އެވޯޑު ލިބެން ޖެހޭނީ ވަކި ކުޅުންތެރިއަކަށޭ ބުނުމަކީ ވަރަށް އުނދަގޫ ކަމެއް. ނަމަވެސް އެހެން ހުރިހާ ކުޅުންތެރިން އެއްފަރާތް ކުރުމަށްފަހު، އަހަރެން ބުނާނީ އެވޯޑު ލިބެން ޖެހޭނީ އެމްބާޕޭ ނުވަތަ ހާލަންޑަށޭ،" 'އާރުއެމްސީ ސްޕޯޓް'އަށް ދިން އިންޓަވިއުއެއްގައި ރަބިއޯ ބުންޏެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވި ނަމަވެސް، އެމްބާޕޭ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައިފައެވެ. ދެން އެވޯޑަށް ވާދަކުރާ ހާލަންޑް، މެންޗެސްޓާ ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ގިނަ ރެކޯޑުތަކެއް މުގުރާލައިފައެވެ. އޭނާ ވަނީ ސިޓީއާއެކު މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.
މެސީއަށް ބެލޮންޑިއޯ އެވޯޑު ލިބެން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދަނީ، ކެޕްޓަނެއްގެ ގޮތުގައި އޭނާ އާޖެންޓީނާއަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުންނެވެ. އެއީ 1986 ވަނަ އަހަރަށްފަހު، އާޖެންޓީނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ވޯލްޑް ކަޕް ތައްޓެވެ. އަދި އެއީ މެސީގެ ކެރިއަރުގައި ވެސް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.