މެޗުތައް ކުޅެން ބޭނުން، އެކަމަކު ހާލަތު ބަލައިގަންނަން: މޮޑްރިޑް

ރެއާލް މެޑްރިޑުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް -- ފޮޓޯ/ ގެޓީ

މެޗުތައް ކުޅުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށް ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބުނެފިއެވެ.

އުމުރުން 38 އަހަރުގެ މޮޑްރިޗަށް ފުރުސަތު ގެއްލެން ފަށާފައިވަނީ މި ސީޒަނުގައި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް، ރެއާލްއާ ގުޅުނު ހިސާބުންނެވެ. މޮޑްރިޗަށް ރެއާލްގެ ހަތް މެޗަކުން ފުރުސަތު ލިބިފައިވާ އިރު، އޭނާއަށް ކުޅެން ލިބިފައިވަނީ 391 މިނެޓެވެ.

ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯއަށް ދިން އިންޓަވިއުއެއްގައި މޮޑްރިޗް ބުނީ ބެންޗުގައި އިންނަން ބޭނުންނުވި ނަމަވެސް، ހާލަތަށް ބަލައި ކޯޗު ކާލޯ އެންޗެލޮޓީގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށެވެ.

"އަހަރެން ބޭނުންވަނީ މެޗުތަކުގައި ކުޅެން. އަހަރެން މިހުރީ ފިޓުކޮށް، އެހެންވީމާ ކޮންމެ ތިން ދުވަހަކުން މެޗު ކުޅެން ޖެހުނަސް މައްސަލައެއް ނެތް. ނަމަވެސް އަހަރެން މި ހާލަތު ބަލައިގަންނަން. އެކަންކަން ބަލައިގަނެގެން އަހަރެން ދާނީ ކުރިއަށް،" އޭނާ ބުންޏެވެ.

މިދިޔަ ސީޒަނަށްފަހު ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލްއާ ގުޅުމަށްފަހު ބެލިންހަމް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެ، މިހާތަނަށް ބެލިންހަމް ވަނީ 10 ގޯލު ޖަހައިފައެވެ. ބެލިންހަމް ދައްކަމުންދާ ކުޅުމާ ގުޅިގެން އޭނާ ވެގެން ގޮސްފައިވަނީ ސަޕޯޓަރުންގެ ވެސް ފޭވަރިޓަކަށެވެ.

ރެއާލްއާ މޮޑްރިޗް ގުޅުނީ 2012 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާ އިންނެވެ. ރެއާލްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ތިން ސްޕެނިޝް ލަލީގާ އާއި ފަސް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް