ފަލަސްތީން މުޖާހިދުންގެ އަގުވައްޓާލަން އެމެރިކާގެ ރައީސް ދޮގު ހެއްދެވިކަން ބޭޒާރުވެއްޖެ

ބައިޑެން

ވޮޝިންޓަން (12 އޮކްޓޯބަރު 2023) : ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުންގެ އަގުވައްޓާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހެއްދެވި ދޮގުތަކެއް ބޭޒާރުވުމުން އެކަން ނަފީވާގޮތަށް ވައިޓް ހައުސްއިން ވާހަކަ ދައްކައިފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާން އާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ހަމާސްގެ "ހަނގުރާމަވެރިން" އިސްރާއީލުގެ ކުޑަކުދިން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ބޯކެނޑުން ފަދަ ލާއިންސާނީ އަމަލުތައް ހިންގިކަމުގެ ވީޑިއޯ އެއް އަދި ފޮޓޯއެއް ރައީސް ބައިޑެންވެސް އަދި އެމެރިކާގެ އެހެން މަސްއޫލުވެރިއަކުވެސް ބައްލަވާފައި ނުވާކަމުގައެވެ.

އެފަދަ ކަމެއް ހިނގާފައިވާނަމަވެސް އެއީ ހިނގި ކަމެއްކަމަށް ވިދާޅުވެ އެމެރިކާގެ މަސްއޫލުވެރިން ދެން އެ ވާހަކަ ދައްކަވާނީ އެކަމުގެ ހަގީގަތް ބެއްލުމަށްފަހުގައި ކަމަށް ވައިޓް ހައުސްގެ ތަރުޖަމާން އާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ހަމާސްގެ މުޖާހިދުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރައްވައި އެ މީހުން ވަރަށް ލާއިންސާނީ އަމަލުތަކެއް އިސްރާއީލުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވައި ދާދިފަހުން ވާހަކަ ދައްކަވާފައެވެ.

އެމެރިކާގައި ދިރިއުޅޭ ޔަހޫދީ ޒަޔަނިސްޓު ލީޑަރުންގެ ބަޔަކާ ވައިޓް ހައުސްގައި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ބައިޑެންވަނީ ހަމާސްގެ "ޓެރަރިސްޓުން" އިސްރާއީލުގެ ކުޑަކުދިން ހައްޔަރު ކުރުމަށްފަހު އެ ކުދިންގެ ބޯ ބުރިކުރާ ތަންދައްކައިދޭ ފޮޓޯތަކެއް ހުރިކަމަށާއި އެ ފޮޓޯތައް ފެންނާނެކަމަށް ވިދާޅުވެ ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަވާފައެވެ.

ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ބައިޑެން މި މޭރުމުން ވާހަކަ ދެއްކެވީ މިފަދަ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި މައުލޫމާތާ އަދި އިސްރާއީލު ގެ ރަސްމީ މީޑީއާ ރިޕޯޓްތަކަކުން ލިބުނު މައުލޫމާތުގެ އަލީގައެވެ. މިފަދަ ފޮޓޯތަކެއް އަދި ވީޑީއޯއެއްވެސް ހަގީގަތުގައި ނެތްކަން ވައިޓް ހައުސްއަށް ފަހުން އެނގިފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓް ބުނެއެވެ.

ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ އަދި އިސްތިއުމާރާ ދެކޮޅަށް ކުރާ ޖިހާދުގައި ދޭ ހަމަލާތައް އިސްރާއީލުގެ ކުޑަ ކުދިންނަށް އެއްވެސް ވަރަކަށް އަމާޒު ނުކުރާކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. ނަމަވެސް ޔަހޫދީ ވަޒަންވެރިންގެ ގޮތުގައި ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންނަކީ ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށް އިސްރާއީލު ބޭނުންކުރާ ބަޔަކަށްވާތީއާއި އެ މީހުންނަކީ ފަލަސްތީނުގެ އާންމުންނަށް ހަމަލާދީ ޖަރީމާތައް ހިންގާ ބަޔަކަށްވާތީ ކުށެއްނެތް އާންމުންގެ ގޮތުގައި އެ މީހުން ނުބެލެވޭނެކަމަށް ވެސް ހަމާސްގެ ބަޔާން ބުނެއެވެ.

އެ ބަޔާނުގައި ހުޅަނގުގެ ލީޑަރުންނަށާއި ހުޅަނގުގެ މީޑީއާ ތަކަށް ހަމާސްއިން ވަނީ އިސްރާއީލުން ކޮންމެފަދަ ދޮގެއްވެސް ހަދާފާނެކަމަށް ބަލައި އިސްރާއީލު ފަތުރާ ވާހަކަތަކުގެ ހަގީގަތް ބެލުމަށް އިލްތިމާސް ކޮށްފައެވެ.

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވަނީ ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ ކުޑަކުދިން ކަރުބުރިކުރާކަމަށް ވިދާޅުވެ އެމެރިކާގެ ރައީސްއަށް ވާހަކަދެއްކެވިފައިވަނީ އިސްރާއީލުން ދީފައިވާ މައުލޫމާތައް ރިއާޔަތްކުރުމަށްފަހު އޭގެ ހަގީގަތާއި ދޮގުތެދު ނުބަލައިކަން ހާމަކުރައްވާފައެވެ.

comment ކޮމެންޓް