ޓްރެފިކް ޖޫރިމަނާ މާފުކޮށްދޭ ޕްރޮގްރާމުގައި 800އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދިނުމަށް ޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ބާއްވާ ތަމްރީނު ޕްރޮގްރާމްގައި މިހާތަނަށް 850 އަށްވުރެ ގިނަ މީހުން ބައިވެރިވާން ހުށަހަޅައިފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިއަށްދަނިކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވަނީ ގަވައިދާ ޚިލާފަށް ޕާކު ކޮށްގެން މި ދައުރު ފެށިގެން ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް އަރައިފައިވާ ޕާކިން ޖޫރިމަނާތައް ޝަރުތަކާ ނުލައި މާފުކޮށްދެއްވައިފައެވެ.

އެއާއެކު ޓްރެފިކް ވައިލޭޝަން ޖޫރިމަނާތައް މާފުކުރާ ގޮތަށް އޮތީ، އެ ކަމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ އެ ފުރިހަމަ ކުރުމުންނެވެ.

އެ ޕްރޮގްރާމާ ގުޅޭ މައުލޫމާތު "ސަން"އަށް ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިޙު ވިދާޅުވީ މިހާތަނަށް އެ ޕްރޮގްރާމަށް ލިބޭ ތަރުހީބު ބޮޑު ކަމަށެވެ.

މި މަހުގެ 25ވަނަ ދުވަހާ ހަމައަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ވެސް އަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕްރޮގްރާމްގެ ބައިވެރިންނަށް ހަތް ދުވަހަށް ބަހައިލައިގެން 20 ގަޑިއިރުގެ ތަމްރީނު ދޭނެ ކަމަށެވެ.

"ޖުމްލަކޮށް 20 ގަޑިއިރަށް ހިންގަން ރާވައިފައި އޮތީ. މާނައަކީ އޭގެ ތެރެއިން ހަތް ދުވަހަށް އެ 20 ގަޑިއިރު ބަަހައިލައިގެން ކުރިއަށް ގެންދާ ވިސްނުމެއް އޮތީ،" އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ތަމްރީނު ބާއްވާނެ ތަނެއް ހޯދުމުގެ މަސައްކަތް ކަމަށެވެ. އެ ކަންކަން ފައިނަލް ވުމުން ތަމްރީނުތައް ފަށާނެކަމަށް ވިދާޅުވިއެވެ.

މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެންނެވެ.

comment ކޮމެންޓް