އަމީނީ މަގު މި ދައުރުގައި ނުނިމޭނެ: މިނިސްޓްރީ

އަމީނީ މަގުގެ ލޭނެއްގައި ކާރު ޕާކުކޮށްފައި -- ސަން ފޮޓޯ

ތާރު އަޅައި ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަ އަމީނީ މަގުގެ މަސައްކަތް މި ސަރުކާރުގެ ދައުރުގެ ތެރޭގައި ނިންމާ ނުލެވޭނެ ކަމަށް، ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ބުނީ އަމީނީމަގުގެ ހުރިހާ މަސައްކަތެއް, އަންނަ މަހުގެ 17 ވަނަ ދުވަހު ނިމޭ މި ސަރުކާރުގެ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ސަން" އަށް ވިދާޅުވީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްދާ ސްޓޯމް ވޯޓާ ޕްރޮޖެކްޓަށް އަމީނީމަގުގައި ވަރަށް ފަލަ ހޮޅިތަކެއް ވަޅުލަން ޖެހޭ ކަމަށެވެ. އެ ހޮޅިތަކަކީ ރާއްޖޭން ބޭރުން ގެންނަން ޖެހޭ ހޮޅިތަކަކަށް ވުމުން އެކަމަށް ދެތިން މަސް ދުވަސްވަރު ނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހޮޅިތައް ނާޅައި މަގުހަދައިފިނަމަ އަލުން ޖެހޭނީ ތާރުކަނޑަން ކަމަށާއި އެހެންކަމުން މިވަގުތަށް އެ މަސައްކަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަމީނީމަގުގެ ބޮޑު ބައެއް މިހާރު ވަނީ ހަދައި ނިންމާލާފައެވެ. އެގޮތުން ހެންވެއިރު ކޮޅުން ފެށިގެން ގޮސް އިއްޒުއްދީން މަގާ ހަމައަށް ވަނީ ތާރު އަަޅައި ޒަމާނީ ފެންވަރަކަށް ހަދައިފައެވެ. އޭގެ އެކޮޅަށް މާފަންނުގެ ބައިގައި އަދިވެސް ހުރީ ގާ އަތުރައިފައެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް