އެފްޑީސީން އަޅާ ހަ ޓަވަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމިއްޖެ

މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ދަނީ --- ސަން ފައިލް ފޮޓޯ/ އިބްރާހީމް ޝަމްވީލް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅައި 32 ހައުސިން ޓަވަރުގެ ތެރެއިން ހަ ޓަވަރެއްގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާކަމަަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެފްޑީސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މަސައްކަތް ނިމި، އޭގެ ތެރެއިން ހަތަރު ޓަވަރެއްގައި ފިނިޝިންގެ މަސައްކަތް ވެސް މިހާރު 60 ޕަސެންޓް ނިމިފައިވާ ކަމަަށެވެ.

https://sun.mv/178700

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މި މަޝްރޫއުގެ ދަށުން އެންބީސީސީއާއި ޖޭއެމްސީއާ ވެސް ހަވާލުކޮށްފައިވަނީ 16 ޓަވަރު އަޅާށެވެ. އެކު ޖުމްލަ މިއީ 32 ޓަވަރުގައި، 4،000 ހައުސިން ޔުނިޓެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓާއި، ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓެވެ.

އެންބީސީސީގެ މަސައްކަތްތަކަށް ބަލާއިރު އެ ކުންފުނިން އަޅާ ހަ ޓަވަރަކީ 17 ފަންގިފިލާގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ބާކީ 10 ޓަވަރަކީ 18 ފަންގިފިލާގެ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.

މީގެ ކުރިން އެފްޑީސީން ބުނީ މުޅި ޕްރޮޖެކްޓުގެ މަސައްކަތް އެކުގައި ނިންމައިލެވޭނެ ކަމަށް ލަފާކުރެވެނީ 2025ވަނަ އަހަރުގެ ތެރޭ ކަމަށެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ މި މަހުގެ ދެވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް